އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ޔުނައިޓެޑުންނެވެ. މި ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ފްރެޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ޓޮޓެންހަމްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

Ad
rt

ޓޮޓެންހަމުން ވަނީ މެޗުގެ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ހެރީ ކޭންއއެވެ. ރެފްރީ ޓޮޓެންހަމަށް ޕެނަލްޓީ ދީފައި ވަނީ ޔުނައިޓެޑްގެ އޭރިއާ ތެރެއަށް ޓޮޓެންހަމްގެ ކުލުސެވްސްކީ ހުރަސްކުރަން މަސައްކަތްކުރި ބޯޅަ ޔުނައިޓެޑްގެ ޑިފެންޑަރ ޓެލެސްގެ އަތުގައި ޖެހިފައި ބުލޮކްވުމާއި ގުޅިގެންނެވެ.

ޓޮޓެންހަމުން ނަތީޖާ ހަމަހަމަ ކުރިތާ ތިން މިނެޓް ފަހުން ސަންޗޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ވެސް ރޮނާލްޑޯއެވެ.

ޓޮޓެންހަމުން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްފައި ވަނީ 72 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ޔުނައިޓެޑްގެ ޑިފެންޑަރެ ހެރީ މެގުއާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މެޗުގައި ޔުނައިޓެޑު މޮޅުވި ލަނޑު 81 ވަނަ މިނެޓުގައި ޓެލެސް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި ރޮނާލްޑޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ޔުނައިޓެޑް މޮޅު ކޮށްދީފައެވެ. މިއީ ރޮނާލްޑޯގެ ކެރިއާގައި އޭނާ ހެދި 59 ވަނަ ހެޓްރިކެވެ. ރޭގެ ހެޓްރިކާއިއެކު ރޮނާލްޑޯވަނީ، 805 ލަނޑު ޖަހައިގެން ފުޓްބޯޅައިގެ ތާރީކުގައި އެންމެ ގިނަލަނޑު ޖަހާފައިވާ ޖޯސެފް ބިކާން ހަދާފައިވާ ރެކޯޑް މުގުރާލާފައެވެ. ރޭގައި ކާމިޔާބުކުރި ތިން ލަނޑާއިއެކު ރޮނާލްޑީ ޖެހި ލަނޑުގެ އަދަދު ވަނީ 807 އަށް އަރާފައެވެ.

ރޭ ލިވަޕޫލާއި ބްރައިޓަން ބައްދަލުކުރި މެޗު ލިވަޕޫލުން ވަނީ 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ސިޓީއާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފައެވެ. ރޭގެ މެޗުގައި ލިވަޕޫލަށް ލަނޑުތައް ޖަހައިދީފައި ވަނީ ލުއިސް ޑިއާޒާއި މުޙައްމަދު ސަލާހެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލު މިހާރި އޮތްގޮތަށް ބަލައިލާއިރު މި ވަގުތު މެންޗެސްޓާ ސިޓީ އެއްވަނާގައި އޮތީ 28 މެޗުން ލިބުނ 69 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި ލިވަޕޫލް އޮތީ 28 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ތިނަވަނާގައި 27 މެޗުން 56 ޕޮއިންޓް ހޯދައިގެން ޗެލްސީ އޮތްއިރު، ހަތަރުވަނާގައި 29 މެޗުން 50 ޕޮއިންޓް ހޯދައިގެން އޮތީ ޔުނައިޓެޑެވެ. 25 މެޗުން ލިބުނު 48 ޕޮއިންޓާއިއެކު ފަސްވަނާގައި އާސެނަލް އޮތްއިރު ހަ ވަނާގައި އޮތީ ވެސްޓްހަމެވެ. ހަތްވަނާގައި އޮތީ ރޭ ޔުނައިޓެޑްގެ އަތުން ބަލިވި ޓޮޓެންހަމެވެ.