ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ބުރުގެ ފުރަތަމަ ލެގުގައި ބާސެލޯނާއާއި ގަލަޓަސަރާއީ ބައްދަލކުރި މެޗު އެއްވަރުވެ ވެއްޖެއެވެ. ބުރާސްފަތި ދުވަހުގެ ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 0-0 ގެ ނަތީޖާއަކުންނެވެ.
ބާސާއިން ވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް ގަލަޓަސަރާއީގެ ގޯލަށް ފޮނުވާލާފައެވެ. މިގޮތުން ގަލަޓަސަރާއީގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ބާސާގެ ފޯވާޑް މެންފިސް ޑިޕޭ ފޮނުވާލި ހަމަކާ ގަލަޓަސަރާއީގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގަލަޓަސަރާއީގެ ކެރެމް އަޚްތުރްކޮގްލޫ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އޭނާ ބާސާގެ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ނުރައްކާތެރި ހަމަލާ ގޮސްފައި ވަނީ ގޯލުގެ މަތީކަން ކައިރިން ބޭރަށެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތު ބާސާގެ ފޯވާޑް މެންފިސް ޑިޕާއީ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާ ވެސް ވަނީ ގަލަޓަސަރާއީގެ ކީޕަރު ދިފާއު ކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ބާސާގެ ނިކޮލަސް ގޮންޒާލެޒް ބޮލުން ފޮނުވާލި ހަމަލާ ވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި ގަލަޓަސަރާއީގެ ކީޕަރު އިނާކީ ޕެނާ ވަނީ މަތަކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހުން ބާސާގެ ޑިފެންޑަރ ޖޯޑީ އަލާބާ ފޮނުވާލި ބާރު ހަމަލާ ގޮސްފައި ވަނީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.
މެޗުގައި ފަހު ފަނަރަ މިނެޓުގެ ތެރޭގައި ބާސާގެ މިޑްފީލްޑަރ ޑި ޔޯންއަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުޞަތެއް ލިބި ބޭނުން ނުހިފިފައެވެ. ގަލަޓަސަރާއީގެ އޭރިއާތެރެއަށް ހުރަސްވީ ބޯޅަ އެ ޓީމްގެ ފޯވާޑް އޮބާމެޔަން އޯވަހެޑް ޖަހައި ގަލަޓަސަރާއީގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރުމުގެ ތެރޭ އެ ބޯޅަ ލިބިފައި ވަނީ ހުސްކޮށްހުރި ޑި ޔޯންއަށެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ގަލަޓަސަރާއީގެ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ގަލަޓަސަރާއީގެ ގޮމިސް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ބޯޅަ ލިބުނު އިރު ގޮމިސް ހުރީ އޮފްސައިޑްގައި ކަމަށް ވުމުން އެ ލަނޑު ވަނީ ބަލައި ނުގަނެފައެވެ.
ޔޫރަޕާ ލީގުގެ ގަދަ 16 ގެ ބުރުގައި ރޭ ކުޅުން އިތުރު މެޗުތަކަށް ބަލައިލާއިރު، ރޭންޖާސް ވަނީ އަމިއްލަ ދަނޑުގައި ވެޒްޑާ ބެލްގްރޭޑް އަތުން 3-0 ގެ ނަތީޖާއިން މޮޅުވެފައެވެ. ބްރާގާއިން އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއިނ މޮނާކޯ ބަލިކުރިއިރު، އެތުލާންޓާއާއި ބަޔާން ލެވަކޫސަން ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އެތުލާންޓާއެވެ.
ބާސެލޯނާއާއި ގަލަޓަސަރާއީ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ ގަލަޓަސަރާއީގެ ދަނޑުގައެވެ. މި މެޗު އޮންނާނީ މި މަހު 17 ވާ ބުރާސްފަތި ދުވަހުގެ ރޭ 10:45 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!