ދަރުބާރުގެ ކައިރީގައި މީގެ ހަތް އަހަރު ކުރިން މަރާލި ހ. ހަންޑްރެޑްފްލާވާސް ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ ދައުވާލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ، މިއަދު ސަލާމަތްވެއްޖެ އެވެ.

2015 ވަނަ އަހަރު ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ ޖައިލަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ އިސްމާއިލް އަނީގް އަދި ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާން އަދި ގއ. ވިލިނގިލި ފިޔަޖަހާގެ މުހައްމަދު ހުމައިދުގެ މައްޗަށެވެ.

Ad
rt

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ދައުވާލިބޭ މީހުންގެ ތެރެއިން ތިން މީހަކު ޖައިލަމަށް ހަމަލާދިން މަންޒަރު ފެނުނު އެންމެ ހެކިވެރިއަކު ބުނުމަށްފަހު އެ ހެކިބަސް އަނބުރާ ގެންދަން އޭނާ ފަހުން ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި އޭނާ ތަހުގީގުުގައި ނުދައްކާ ވާހަކަތަކެއް ހެކިބަހުގައި ހުރުމުންނާއި އޭނާއަކީ ވައްކަމުގެ ކުށެއް ސާބިތުވެފައިވާ މީހަކަށްވާތީ އޭނާގެ ހެކިބަހާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ހުކުމުގައިވެ އެވެ. އަދި ދެން ތިބި ހެކިން ކޯޓަށް ހާޒިރުނުވާ ކަމަށް ހުކުމުގައިވެ އެވެ.

ދައުވާލިބޭ ހަތަރު ވަނަ މީހާއާ ދެކޮޅަށް އެއްވެސް ހެއްކަކު ހެކިބަސް ދީފައިނުވެ އެވެ. އަދި ވީޑިއޯތަކުން ފެންނަ މީހުންގެ މޫނު ސާފުނުވާ ކަމަށް ތަހުލީލު ރިޕޯޓުގައި އޮތުމުގެ އިތުރުން ފޮރެންސިކް އިތުރު ހެއްކެއް ވެސް ދައުވާލިބޭ އެއްވެސް މީހަކާ ދެކޮޅަށް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ދައުވާލިބޭ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުވާ މިންވަރު ހެއްކެއް ނެތް ކަމަށެވެ.