ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑާއި ޕީއެސްޖީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ރެއާލް ޖާގަ ހޯދައިފިއެވެ.
މި ދެ ޓީމް ބައްދަލުކުރި ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ޕީއެސްޖީގެ ދަނޑުގައެވެ. އެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ޕީއެސްޖީއެވެ. ރޭ ރެއާލްގެ ދަނޑުގައި މި ދެ ޓީމް ވާދަކުރި ދެވަނަ ލެގުގެ މެޗުގައި، ޕީއެސްޖީގެ މައްޗަށް ރެއާލް ކުރި ހޯދާފައި ވަނީ ޕީއެސްޖީން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ތިން ލަނޑު (3-1) ޖަހައިގެންނެވެ. ރެއާލަށް ކުއާޓާއަށް ގޮސްފައިވަނީ 3-2 ގެ އެގްރިގޭޓް ނަތީޖާއިން ޕީއެސްޖީގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފު ފަށައިގެން ރެއާލުން ރަނގަޅަށް ކުޅުނު ނަމަވެސް ފުރަތަމަ ހާފުގެ ބޮޑުބައި ކޮންޓްރޯލް ކޮށްފައި ވަނީ ޕީއެސްޖީންނެވެ. މިގޮތުން 34 ވަނަ މިނެޓުގައި ޕީއެސްޖީގެ ނޫނޯ މެންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެމްބާޕޭ ވަނީ ލަނޑެ ވެސް ޖަހާފައެވެ. އެ ފުރުޞަތު ތަނަވަސް ކޮށްދިނުމަށް ނޫނޯ ފެނާންޑޭޒްއަށް ބޯޅަ ލިބުނު ވަގުތު އޮފްސައިޑްގައި ހުރުމުން ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑު ވަނީ ބަލައި ނުގަނެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ ބެންޒެމާއަށެވެ. ބެންޒެމާ ޕީއެސްޖީގެ އޭރިއާގެ ބޭރުގައިހުރެ ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީކަނާއި ދިމާއަށް ދިޔަ ނަމަވެސް އެ ހަމަލާ ޕީއެސްޖީގެ ކީޕަރު ޑޮނަރުންމާ ވަނީ ދިފާއިކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމުން އުފެއްދި ކައުނޓަ އެޓޭކެއްގައި ނޭމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެމްބާޕޭއެވެ. މީގެ އިތުރުން ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުޞަތު ޕީއެސްޖީއަށް ލިބުނުއިރު އެ ހަމަލާތަކުގެ ހުރަހަކަށް ވެފައި ވަނީ ރެއާލްގެ ކީޕަރެވެ.
މެޗުގެ ފުރަތަމަ ހާފު ޕީއެސްޖީ ކުރީގައި އޮވެގެން ނިމުނު ނަމަވެސް ދެވަނަ ހާފުގައި ރެއާލުން ވަނީ މުޅި މެޗުގެ މަންޒަރު ބަދަލު ކޮށްލާފައެވެ. ދެވަނަ ހާފު ފަށައިގެން ގޭމް ކޮންޓްރޯލްކޮށް ރެއާލުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 61 ވަނަ މިނެޓުގައި ޕީއެސްޖީގެ ކީޕަރު ޑޮނަރުންމާއަށް ހެދުނު ގޯހަކުން ތަނަވަސްވި ފުރުޞަތުގައި ކާމިޔާބު ކޮށްދީފައި ވަނީ ބެންޒެމާއެވެ.
ރެއާލުގެ ދެވަނަ ލަނޑު 76 ވަނަ މިނެޓުގައި މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް ބެންޒެމާއެވެ. ދެވަނަ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ރެއާލުން ކުޅުނު ދިގު ބޯޅައެއް ދިފާއުކުރުމަށް ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް މަސައްކަތް ކުރުމުގެ ތެރޭ ގޯލު ކުރިމައްޗަށް ހުރަސްވީ ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައި ބެންޒެމާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
މި ލަނޑާއިއެކު ބެންޒެމާ ވަނީ ރެއާލުގެ އޯލްޓައިމް ލަނޑު ލިސްޓުގެ ތިން ވަނައަށް ކުރިއަށް ޖެހިލާފައެވެ. ރޭގަ ކާމިޔާބުކުރި ތިން ލަނޑާއިއެކު ބެންޒެމާ ރެއާލަށް ކާމިޔާބު ކޮށްދިން ލަނޑުގެ އަދަދު 309 އަށް ވަނީ އަރާފައިވާއެވެ. ކުރިން ތިންވަނާގައި އޮތީ 307 ލަނޑު ޖެހި ރެއާލްގެ ލެޖެންޑް ޑި ސްޓެފާނޯއެވެ. ދެވަނާގައި 323 ލަނޑު ކާމިޔާބުކޮށްދިން ރައުލް އޮތްއިރު އެއްވަނާގައި އޮތީ 450 ލަނޑު ކާމިޔާބު ކޮށްދިން ކުރިސްޓިއާނޯ ރޮނާލްޑޯއެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ޕޯޗުގަލްގެ ސްޕޯޓިން މައްޗަށް ކުރި ހޯދައިގެން މެންޗެސްޓާ ސިޓީ ވެސް ވަނީ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރު ކޮށްފައެވެ. ރޭ ސިޓީގެ ދަނޑުގައި މި ދެ ޓީމް ވާދަކުރި ދެވަނަ ލެގުގެ މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ނަމަވެސް ފުރަތަމަ ލެގުގައި ސިޓީ ވަނީ ސްޕޯޓިންގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދާފައެވެ. ވުމާއެކު ސިޓީ ކުއާޓާއަށް ދަތުރު ކޮށްފައި ވަނީ 5-0 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!