ބިމުގެ މައްސަލަތަކުގައި އެޓާނީ ޖެނެރަލަށް ކައުންސިލްތައް ކޯޓުގައި ތަމްސީލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު، އޭޖީ އޮފީހުގައި ހުރި ކައުންސިލްތަކާ ގުޅޭ ބިމުގެ މައްސަލަތައް އެ އޮފީހުން އަނބުރާ ފޮނުވާލައިފި އެވެ.
ހައި ކޯޓުން މިދިޔަ އަހަރު ނިންމީ ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިމުގެ މައްސަލަތަކުގައި ކައުންސިލްގެ ފަރާތުން ކޯޓުތަކަށް ދާންޖެހޭނީ އޭޖީ ކަމަށެވެ. އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން އިއްޔެ ވަނީ އެ ހުކުމް ބާތިލްކޮށް، އޭޖީއަށް ކައުންސިލްތައް ތަމްސީލު ނުކުރެވޭނެ ކަމަށް ހުކުމްކޮށްފަ އެވެ.
އެ ހުކުމާ ގުޅިގެން އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައިވަނީ އެ ހުކުމާ ގުޅިގެން ކައުންސިލްތަކުގެ ބިންތަކާ ގުޅޭގޮތުން އެ އޮފީހުން ކައުންސިލްތައް ތަމްސީލު ކުރަންޖެހޭ ގޮތަށް ހުރި ހުރިހާ މައްސަލަތަކެއް ކައުންސިލްތަކަށް އަނބުރާ ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ހައި ކޯޓުގެ ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ޚިލާފް އަދި ކައުންސިލްތަކުގެ ބާރުތަކާ ޚިލާފް ނިންމުމެކެވެ. އަދި އޭޖީގެ ފަރާތުން ކައުންސިލްތައް ތަމްސީލު ކުރުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!