ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ރޭ ފާސްކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ރޭ އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުން އެ އިންތިޚާބު ބާއްވަން ކުރިން ފާސްކުރީ އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އެ އިންތިޚާބު ބާއްވާށެވެ. ނަމަވެސް އެ ދުވަސް ރޯދަމަހާއި ދިމާވާތީ ރޭ އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ އެ ތާރީޚް ފަސްކުރަން ފާސްކޮށްފައެވެ.

Ad
rt

ރޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އިންތިޚާބު ފަސްކުރަން ހުށަހެޅީ އިބްރާހިމް ވަހީދު (އިބްރޭ) އެވެ. އޭނާ ހުށައެޅުއްވީ 14 މެއި ގައި އިންތިހާބު ބޭއްވުމަށެވެ. އެ ހުށައެޅުމަށް ތާއީދު ކުރެއްވީ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެވެ.

އެ ހުށަހެޅުން ފާސްކުރުމަށް 100 މެންބަރުން ވޯޓުދެއްވިއިރު، 15 މެންބަރަކު އެ ހުށަހެޅުން ފާސްކުރަން ވޯޓު ނުދެއްވައެވެ. ރޭގެ ބައްދަލުވުމުގައި 115 މެންބަރަކު ބައިވެރިވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބު ފަސްކުރަން ނިންމިއިރު، އެ މަގާމަށް ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާއި އޭނާއަށް ތާއީދުކުރަށްވާ މެންބަރުން ތާއީދު ކުރެއްވީ އިންތިޚާބު ފަސްކުރުމަށެވެ. އަދި އިންތިހާބު ފަސްކުރަން ޖެހޭ ކަމަށާއި، އަދި އިންތިހާބު ބާއްވަން ވާނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ 60 ދުވަހުގެ މުއްދަތު ދިނުމަށް ފަހު ކަމަށް ރޭގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އެ އިންތިޚާބުގައި ވާދަކުރަށްވާ އަނެއް ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)އާއި އޭނާއަށް ސަޕޯޓްކުރަށްވާ މެންބަރުން އެ އިންތިޚާބު ފަސްކުރުމާ ދެކޮޅެވެ. އެ ބޭފުޅުން ސިފަކުރެއްވީ އިންތިޚާބު ފަސްކުރުން އެއީ "ޕީޕީއެމް ސިފައެއް" ކަމަށެވެ. އަދި އިންތިޚާބު އަވަސް ކުރުމާމެދު އިއުތިރާޒެއް ނެތްކަމަށާއި، ފަސްކުރަން ދެކޮޅުކަމަށް އިންތި ރޭ ވިދާޅުވިއެވެ. އިންތިވިދާޅުވީ ކުރިން ތާރީޚެއް ފާސްކުރީ އެ ދުވަސް ރޯދަމަހާއި ދިމާވާކަން އެނގިތިބެ ކަމަށާއި، އެހެންވެ އެ ތާރީޚް ފަސްކުރަން ދެކޮޅު ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ފުރުއްވަމުން ގެންދެވި އެމްޑީޕީގެ އެ މަގާމުގެ ފަސް އަހަރުގެ ދައުރު މިދިޔަ ފެބްރުއަރީ 12 އަށް ވަނީ ހަމަވެފަ އެވެ.