ބިމުގެ މައްސަލަތަކުގައި ކައުންސިލްތަކަށް އަމިއްލައަށް ކޯޓަށް ނުދެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށް، ކައުންސިލްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް ނިންމައިފި އެވެ.

އދ. ފެންފުށީ ބިމެއްގެ މައްސަލާގައި ހައި ކޯޓުން ނިންމާފައި އޮތީ ބިމުގެ މައްސަލަތަކުގައި ކައުންސިލްތަކުން ކޯޓަށް އަންނަން ޖެހޭނީ އެޓާނީ ޖެނެރަލް މެދުވެރިކޮށް ކަމަށެވެ.

Ad
rt

އެކަމަކު ލާމަރުކަޒީ ގާނޫނު ބުނާގޮތުން ކައުންސިލްތަކަކީ އަމިއްލައަށް ދައުވާކޮށް އަދި ދައުވާލިބިގަނެވޭ މުއައްސަސާތަކެކެވެ.

ހައި ކޯޓުގެ އެ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ކައުންސިލްތަކުން އެޓާނީ ޖެނެރަލް މެދުވެރިކޮށް ކޯޓުތަކަށް ދާންޖެހޭ ނަމަ، ކައުންސިލްތަކުގެ ޒިންމާތަކަށް ހުރަސް އެޅި އަދި މަސްލަހަތު ފުށުއަރާ ހާލަތްތައް ދިމާވެދާނެ ކަމަށެވެ. އަދި ގާނޫނު އަސާސީ އާއި ގާނޫނު އޮތްގޮތުން ކައުންސިލްތަކަށް އަމިއްލައަށް ކޯޓުތަކަށް ދިއުމާއި ވަކާލާތު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ހައި ކޯޓުގެ ހުކުމުގައި އެގޮތަށް ކަނޑައެޅި ބައި ބާތިލްކުރާ ކަމަށެވެ.