އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ ޓޮޓެންހަމާއި އެވަޓަން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޓޮޓެންހަމުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް އެ ޓީމުން ކުރަމުން އަންނަ މަސައްކަތައް ދިރުމެއް ލިބިއްޖެއެވެ. ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގައި ޓޮޓެންހަމުން މޮޅު ކުޅުމެއް ދެއްކިއިރު، އެވަޓަންގެ ފަރާތުން ފެނިފައި ވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. އެވަޓަންއަށް ޓޮޓެންހަމްގެ ގޯލާއި އަމާޒުކޮށް މި މެޗުގައި އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވެއެވެ.
މެޗުގައި ޓޮޓެންހަމުން ލީޑު ނަގާފައި ވަނީ 14 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެވަޓަންގެ ގޯލު ކުރިމައްޗަށް ހުރަސްވީ ބޯޅައެއް ދިފާއު ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި އެ ޓީމްގެ މައިކަލް ކީންގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. އޭގެ ތިން މިނެޓްފަހުން ޓޮޓެންހަމުން ލީޑު ފުޅާކުރިއިރު، މި ލަނޑު ކުލުސެވެސްކީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީއި ވަނީ ސޮންއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމުން ވަނީ އިތުރު ލަނޑެއްޖަހައި ތިން ލަނޑުގެ ލީޑެއް ހޯދާފައެވެ. މި ލަނޑު 37 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ހެރީ ކޭންއެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ އެއް މިނެޓުގެ ތެރޭގައި ޓޮޓެންހަމުގެ ހަތަރުވަނަ ލަނޑު ކުލުސެވްސްކީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރެގީއޯންއެވެ. މެޗުގެ 55 ވަނަ މިނެޓުގައި ހެރީ ކޭން ކާމިޔާބުކުރި ހިތްގައިމު ލަނޑާއިއެކު ޓޮޓެންހަމުން މެޗު ނިންމާލީ ފަސް ލަނޑުގެ ލީޑަކާއިއެކުގައެވެ.
މި މެޗަށް ފަހު ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފައި ވަނީ މި މޮޅާއިއެކު އެ ޓީމުން ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް ކުރަމުން އަންނަ އުންމީދު އައުވެފައިވާ ކަމަށެވެ. މިގޮތުން މިވަގުތު އެ ޓީމަކީ ގަދަ ހަތަރަކަށް ވާދަކުރާ ޓީމްތަކުގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށެވެ.
ކޮންޓޭ އިތުރަށް ބުނެފައި ވަނީ ގަދަ ހަތަރެއްގެ އުންމީ އައުވި ނަމަވެސް އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި، ނަމަވެސް އެ ޓީމުން އެ ޓާގެޓަށް މަސައްކަތްކުރާނެ ކަމަށެވެ. ކޮންޓޭ އިތުރަށް ބުނެފައި ވަނީ އެ ޓީމާއި ފަހުން ގުޅުނު ކުލުސެވްސްކީއާއި ރޮޑްރިގޯ ބެންޓެންކުއާ އާއިއެކު ޓީމް އިތުރަށް ވަރުގަދަ ވެފައިވާ ކަމަށެވެ.
މި މެޗުން ބަލިވުމާއިއެކު އެވަޓަންއަށް ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިދާނެ ކަމުގެ ބިރާއި ކުރިމަތިވެފައެވެ. މިވަގުތު އެވަޓަން އޮތީ ކުޅުނު 25 މެޗުން ލިބުނު 22 ޕޮއިންޓާއިއެކު ތާވަލުގެ 17 ވަނާގައެވެ. 18 ވަނާގައި އޮތް ބާންލީއާއި އެވަޓަންއާއި ދެމެދު މިވަގުތު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.
ޓޮޓެންހަމް މިވަގުތު ޕޮއިންޓް ތާވަލުގެ ހަތްވަނާގައި އޮތީ ކުޅުނު 26 މެޗުން ލިބުނު 45 ޕޮއިންޓާއި އެކުގައެވެ. މިވަގުތު ހަތަރު ވަނާގައި އޮތް އާސެނަލަށް 25 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމްއާއި އާސެނަލާއި ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!