ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރިޔާސީ ކެމްޕެއިން އަލުން ފެއްޓެވިކަން އޭނާ ޢިއުލާން ކުރަށްވައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 7 ވަނަ ދުވަހު، އުމަރުގެ އޭނާ ކެމްޕެއިން މެދުކަނޑާލެއްވީ އޭނާގެ ހޯމް މިނިސްޓަރުކަމުގައި 2015 ވަނަ އަހަރު ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭސީސީ އިން ތުހުމަތު ކުރާ ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގު ނިންމާ ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވުމުންނެވެ.

Ad
rt

އުމަރު އަލުން ކެމްޕޭން ފެއްޓެވިކަން ޢިއުލާން ކުރެއްވީ މީސް މީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި އޭނާ ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލުމަށްފަހު އޭނާ ޖަލަށް ލާންޖެހޭނެ ކަމަށް އެމްޑީޕީ ގެ މަޖިލިސް މެންބަރަކު ވިދާޅުވިތާ ދުވަސް ކޮޅެއްފަހުން، އޭސީސީ ގެ މެންބަރުން ވަކިކުރާނެ ކަމުގެ އެތަށް އިންޒާރު ތަކަކަށްފަހު، ބައެއް ބޭފުޅުން އިސްތިއުފާ ދެއްވުމަށްފަހު، އޭނާގެ މައްސަލައެއް އޭސީސީ އިން ޕީޖީ އަށް ފޮނުއްވިކަމަށެވެ.

މިކަމާ ގުޅިގެން ދައުލަތަށް އިޙުތިރާމް ކުރުމުގެ ގޮތުން 90 ދުވަހަށް ރިޔާސީ ކެމްޕޭން މެދުކަޑާލާ، އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް 3 މަސް ދުވަސް ދައުލަތަށް ދެއްވިކަމަށް އުމަރު ވިދާޅުވިއެވެ.

"މިއަދު އެ މުއްދަތު ހަމަވިއިރު ކުށެއް ސާބިތު ކޮށެއް ނުދެވުނެވެ. އެހެން ކަމުން މިއަދުން ފެށިގެން އަޅުގަޑުގެ 2023 ވަނަ އަހަރުގެ ރިޔާސީ ކެންޕޭން އަލުން ފަށައިފީމެވެ. އެމްއެމްޕީއާރުސީ އާއި މިނިވަން 50 އާއި އަޅުގަޑުގެ ވަޒީރު ކަމުގައި ހަވާލުވެ ހުރި 7 އިދާރާ 7 އަހަރުވަންދެން ހާވާ ބަލައިގެން ސާބިތުވީ 'ހުދު ވަލު'ގެ ހުދު ކަމެވެ." އުމަރު ވިދާޅުވެފަވެއެެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، ކެމްޕެއިން ފައްޓަވާފައިވާ އުމަރު ވަނީ މިދިޔަ އަހަރުގެ އޯގަސްޓްގައި އޭނާގެ ގޯތި ގެދޮރުގެ ވިސްނުން އާންމުކުރަށްވާފައެވެ. މިގޮތުން އުމަރުގެ ގޯތި ގެދޮރުގެ ވިސްނުމުގެ ތެރޭގައި ބިން ހިއްކައިގެން މާލެ ސަރަހައްދުން 15 ހާސް ގޯތި ދިނުމަށް ވަނީ ހިމަނާފައެވެ. ތްރީޖީ ހައުސިން މަޝްރޫޢުއެއް ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫޢުގެ ތެރެއިން ބިން ހިއްކައިގެން ގޯތި ދޭނީ ގުޅިފަޅާއި، ގިރާވަރު ފަޅާއި އަދި ގަލު ފަޅުން ކަމަށް ބުނެފަވެއެވެ.

މީގެއިތުރުން ސަރުކާރުން ވިޔަފާރި އުސޫލުން ބިން ވިއްކުން ހުއްޓާލުމަކީ ވެސް އުމަރުގެ ވިސްނުމެކެވެ. އަދި މި ވިސްނުމުގައި ކޮންމެ އާއިލާއަކަށް ވެސް ރާއްޖޭގެ ކޮންމެވެސް ސަރަހައްދަކުން ދެވަނަ ގެއެއް ދިނުމަށް ހިމަނާފައިވާއިރު، ބިދޭސީ މަސައްކަތްތެރީން ތިލަފުށީ "އިންޑަސްޓްރިއަލް ޓަވްން"އަށް ބަދަލު ކުރާނެ ކަމަށް ވެސް އެ ވިސްނުމުގައި ބުނެފަވެއެވެ.

މީގެ އިތުރުން އުމަރު ގެންދަވަނީ މަސްތުވާތަކެއްޗާއި، ގޭންގް ތަކާއި އަދި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތު ކުރަށްވަމުންނެވެ.