އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަވަށްޓެރި ސްރީ ލަންކާއިން ކަރަންޓު ނުކެނޑޭނެ ކަމަަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

ލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހުރި ފިޔުލް ސްޓޭޝަނަކަށް ތެޔޮ ފޮނުވަން ފަށަން ނިންމާފައިވާ ކަމަށެވެ.

Ad
rt

އެ ގައުމުގެ މާލީ ހާލަތު ދަށްވެ ތެޔޮ ގަންނާނެ ލާރިއެއްވެސް ބަޖެޓުގަ ނެތްތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭގެ ސަބަބުން ދުވާލަކު ހަތް ގަޑިއިރާ 30 މިނެޓަށް ލަންކާއިން ކަރަންޓު ކަނޑާލައެވެ.

ހޮނިހިރު ދުވަހުން ފެށިގެން ކަރަންޓު ނުކެނޑޭނެ ކަމަށް ބުނި ނަމަވެސް ތެޔޮ ގަންނަން ފަންޑު ހޯދި ގޮތެއް އެ ގައުމުގެ ސަރުކާރުން ހާމައެއް ނުކުރެއެވެ. ކުރިން ބައެއް ގައުމުތަކުން ވަނީ އެ ގައުމަށް ތެޔޮ ގަންނަން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ހިސާބުތައް ދައްކާގޮތުގައި ލަންކާއަށް ތެލުގެ ޔަގީންކަން ހޯދަން 500 މިލިއަން ޑޮލަރު ހޯދަން ޖެހެއެވެ. ނަމަވެސް ކަރަންޓު ކަނޑައިގެންވެސް އެގައުމަށް ހޯދުނީ އެންމެ 31 މިލިއަން ޑޮލަރެވެ. އެއީ 3700 މިލިއަން ޓަނުގެ ތެލެވެ.

ގައުމުގެ ހާލަތު ދަށްވުމުން އެ ގައުމުގެ ސެންޓްރަލް ބޭންކުން ވެސް ވަނީ އިތުރު ފަންޑު ދިނުމަށް ދެކޮޅު ހަދާފައެވެ.

ލަންކާގެ މާލީ ހާލަތު ދަށްވާން ފެށީ 2019ވަނަ އަހަރުން ފެށިގެންނެވެ. އެހެންވެ، އާމްދަނީ އިތުރުކުރުމަށް ޓެކްސް ނަގާ ވަރުވެސް އިތުރު ކުރިއެވެ. ނަމަވެސް ކޯވިޑާއެކު އެ ގައުމަށް ފަތުރުވެރިން ދިއުން ހުއްޓި އާމްދަނީ ވަންނަ ބޮޑު ދޮރެއް ބަންދުވީއެވެ.