ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ސާބިތު ކުރެވޭނެ ހެއްކެއް ނެތް ކަމަށް ނިންމައި، އެ މައްސަލަ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
މަހްލޫފްގެ މައްޗަށް ދައުވާކުރީ އޭނާ މަޖިލިސް މެމްބަރަކަށް ހުންނެވިއިރު އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުން އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ އިބްތިދާއީ މަރުހަލާގައި ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު، މައްސަލަ ކުރިއަށް ގެންދިޔަޔަސް ދައުވާ ސާބިތު ކުރެވޭނެ ކަމަށް ނުފެންނާތީ ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގެ ނިންމުމުގައިވަނީ މަހްލޫފަށް ފައިސާތަކެއް ލިބުނުކަން ސާބިތުވާން އޮތަސް، އެއީ ރިޝްވަތުގެ ފައިސާއެއް ކަން ދައުލަތަށް ސާބިތުކުރެވޭނެ ކަމަށް ނުފެންނަ ކަމަށެވެ. އެއީ އެކަން ސާބިތުކުރަން ދައުލަތުން ހުށަހެޅީ އަދީބުގެ ހެކިބަސް އެކަނި ކަމަށް ވާއިރު، އޭނާގެ ހެކިބަހާއި މަހްލޫފަށް އެ ފައިސާ ދިން އެސްއޯއެފް ކުންފުނީގެ ވެރިޔާ މުހައްމަދު އައްލާމް ލަތީފްގެ ބަހާ ދިމާ ނުވާތީ އެވެ. އެއީ ރިޝްވަތުގެ ފައިސާގެ ކަމަށް އަދީބު ބުންޏަސް، އައްލާމްގެ ބަޔާނުގައި އޮތީ އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ކަމަށެވެ.
މީގެ އިތުރުން އަދީބާއި މަހްލޫފާ ދެމެދު ބަދަލުކުރި މެސެޖްތަކާއި ޓްވީޓްތަކުގައި ވެސް ފައިސާގެ ވާހަކަ ނެތްއިރު، އެ މެސެޖްތައް ބަދަލުކުރީ އެސްއީޒެޑް ބިލްގެ ވޯޓު ނިމުނު ފަހުން ކަމަށް އެ ނިންމުމުގައިވެ އެވެ. އަދި މެސެޖްތަކާއި އަދީބުގެ ބަހަށް ބާރުދޭނެ އެއްވެސް ހެއްކެއް ނެތުމާ އެކު ތަހުގީގުގެ މުޅި ފޯކަސް އޮތީ ތުހުމަތު ސާބިތުވާނެ ހެކި ހޯދުމަށް ވުރެ ބޮޑަށް މަހްލޫފްގެ ހެކިތައް ދޮގު ކުރުމަށް ކަމަށް އެ ނިންމުމުގައި ނިންމާފައިވެ އެވެ.
މި މައްސަލާގެ ތުހުމަތުގައި މަހްލޫފް ކުރިން ސަސްޕެންޑް ކުރި އެވެ. ފަހުން ސަސްޕެންޝަން އުވާލުމަށްފަހު ސަރުކާރުން ބުނީ އޭނާއަށް ދައުވާ ކުރުމުން މަގާމުން ވަކި ކުރާނެ ކަމަށެވެ. މިހާތަނަށް ވެސް އޭނާ ވަކިކޮށްފައެއް ނުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!