ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ނަރުހުންނަށް އައު ޔުނިފޯމް ތަޢާރަފް ކޮށްފިއެވެ.
ކޭއާރުއެޗްގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މިއަދު ވަނީ ކުޅުދުއްފުށީ ސިޓީގެ ސްޓޭޑިއަމް ސަރަހައްދުގައި ޚާއްޞަ ހެނދުނު ނާސްތާއެއް ކުރިއަށް ގެންގޮސްފައެވެ. އެ ހޮސްޕިޓަލްގެ ވެރިންނާއި، މުވައްޒަފުން ބައިވެރިވި މި ނާސްތާގެ ތެރެއިން ވަނީ އެ ހޮސްޕިޓަލް ނަރުހުންނަށް އައު ޔުނިފޯމް ތަޢާރަފް ކޮށްފައެވެ.
މި ޔުނިފޯމް ތަޢާރަފް ކޮށްދެއްވީ އެހޮސްޕިޓަލުގެ ޑީސީއީއޯ އަހުމަދު ދާއޫދެވެ.
ކެއާރުއެޗުން ގެންދަނީ އެ ހޮސްޕިޓަލްގެ އަހަރީ ދުވަހާއި ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަމުންނެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަކީ މާލޭގެ ހޮސްޕިޓަލްތައް ފިޔަވައި އެންމެ ބާރުބޮޑު އެއް ހޮސްޕިޓަލެވެ. އެގޮތުން ކޯވިޑްގެ ބަލިމަޑުކަމުގައި ވެރިރަށް މާލެ ބަންދުވުމުން، އެކި އަތޮޅުތަކުން ޅ، ނ، އއ، އދ. ފަދަ އަތޮޅުތަކުން ވެސް ދަތުރު ހަދައިގެން ގޮސް ރައްޔިތުން އެ ހޮސްޕިޓަލުން ޚިދުމަތް ހޯދިއެވެ. އެހެންކަމަށް ވުމާއިއެކު އެހޮސްޕިޓަލުން ދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރަމުންނެވެ.
ފޮޓޯ: ކޭއާރުއެޗް
އޭގޮތުން އެހޮސްޕިޓަލުގެ އަންހެނުންގެ ވޯޑް އިމާރާތުގައި ވީއާރުވީ އޭސީ އަދި ފްރެޝް އެއާ ސިސްޓަމް ގާއިމްކުރަން ޕްރޯ އޭ.ސީ އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ވަނީ ހަވާލު ކޮށްފައެވެ. އަދި ތެލެސީމީއާ ޑީއެންއޭ ޓެސްޓް ހެދުމުގެ ޚިދުމަތްވެސް އެހޮސްޕިޓަލުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ 9 ވަނަ ދުވަހު ތަޢާރަފް ކޮށްފައެވެ.
މީގެއިތުރުން ރައީސުލްޖުމްހީރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީި މިސަރުކާރުގެ ވިސްނުމަކީ ކުޅުދުއްފުށީގައި އައު ހޮސްޕިޓަލެއް އިމާރަތްކޮށް، މިހާރު ހުރި ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުން ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!