އދ. ދަނގެތީގެ ވިޔަފާވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި އޭނާގެ ގާތިލް ޝާހް އަލޮމް މިއާ (ސާލިމް) އަށް ކްރިމިނަލް ކޯޓުން މަރުގެ އަދަބު އިއްވައިފި އެވެ. މިއީ ރާއްޖޭގައި ބިދޭސީއަކަށް މަރުގެ އަދަބު ދޭން ހުކުމްކުރި ފުރަތަމަ ފަހަރެވެ.

މިދިޔަ އޮކްޓޫބަރު މަހު ތޫނު އެއްޗެހިންނާއި ދަގަނޑު ބުރި ބޭނުންކޮށްގެން މަހްމޫދު މަރާލީ ފައިސާގެ ބޭނުމުގަ އެވެ. އެކަން ކުރި ކަމަށް ސާލިމް ކޯޓުގައި އެއްބަސްވެ އަދި މައާފަށް އެދިފައި ވިޔަސް، މަހްމޫދުގެ ހުރިހާ ވާރިސުންގެ ބޭނުންވީ ސާލިމަށް މަރުގެ އަދަބު ދޭށެވެ.

Ad
rt

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ސާލިމްގެ އަމިއްލަ އިއުތިރާފުން ކުށް ސާބިތުވާއިރު، މަހްމޫދުގެ ހުރިހާ ވާރިސުން މަރުގެ އަދަބު ބޭނުންވާ ކަމަށް ބުނެފައިވާތީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކުން ބަލާއިރު އޭނާއަށް ދޭންޖެހޭނީ މަރުގެ އަދަބު ކަމަށެވެ. ވީމާ އޭނާ މަރަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.

ގަސްދުގައި މީހަކު މެރުމުގެ އަދަބެއްގެ ގޮތުން މަރުގެ އަދަބު ދިނުމާ އެކު، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ އަދަބެއްގެ ގޮތުން ސާލިމް އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ވެސް މިއަދު ހުކުމްކުރި އެވެ. އެހެން ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުން އުނި ކުރުމުން އޭނާ އެ ހުކުމް އިތުރަށް ތަންފީޒު ކުރަން ނުޖެހޭނެ އެވެ.

ހުކުމް އިއްވުމުގެ ކުރިން ވާހަކަ ދެއްކުމުގެ ފުރުސަތަކަށް ސާލިމް ކޯޓުގައި އެދުނެވެ. އެކަމަކު އެ މައްސަލަ ބެއްލެވި އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދެ ފަރާތުން ދައްކަންޖެހޭ ވާހަކަ ކުރީގެ އަޑުއެހުމުގައި ނިމިފައިވާތީ އިތުރު ވާހަކައަކަށް ފުރުސަތެއް ނެތް ކަމަށެވެ. އަދި ސާލިމަށް އިސްތިއުނާފް މަރުހަލާ އޮންނާނެ ކަން އިސް ގާޒީ ވިދާޅުވި އެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކޮށްފައިވަނީ އެންމެ ފަހުން 1953 ވަނަ އަހަރު އެވެ. އެކަމަކު މަރަން ހުކުމްކޮށްފައިވާ ބަޔަކު ރާއްޖޭގެ ޖަލުތަކުގައި އެބަތިއްބެވެ. ސާލިމަކީ އެ ލިސްޓުގައި ހިމެނުނު ފުރަތަމަ ބިދޭސީ މީހާ އެވެ.