ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްރަށުގެ ތާރީޚު ހޯދައި، އެއްކޮށް، ފަސޭހައިން ބޭނުންކުރެވޭ ޒަމާނީ މަންސަތަކުގައި އެ މަޢުލޫމާތު ރައްކާކުރުމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ވަޒީރު ޔުމްނާ މައުމޫން، ލޯކަލް ކައުންސިލްތަކަށް ގޮވާލައްވައިފިއެވެ.

ޔުމްނާ މިކަމަށް ގޮވާލައްވާފައި މިވަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރަމުންދާ ޤައުމީ ތާރީޚުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވާފައިވާ މެސެޖެއްގައެވެ.

Ad
rt

އަދި މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުނު އަހަރު ކަމަށް ވުމާއިއެކު މިއަހަރުގެ ތާރީޚުގެ ދުވަހުގެ ޝިއާރުވެސް ފަތުރުވެރިކަމާއި ގުޅުވާލާފައިވާ ކަމަށް ޔުމްނާ ފާހަގަ ކުރައްވާފައިވެއެވެ. އެއީ "ދިވެހި ތާރީޚާއި ފަތުރުވެރިކަން" މި ޝިއާރެވެ. އަދި މިފަހަކާއި ޖެހެންދެން ރާއްޖޭގެ ސަގާފަތާއި، ތާރީޚާއި، ތަރިކަ ފަތުރުވެރިންގެ ތަޖުރިބާގެ ބައެއްގެ ގޮތުގައި ހިމެނިފައިނުވާ ކަމަށާއި ނަމަވެސް އަލަށް ތައާރަފް ކުރެވިގެންދިޔަ ހޯމްސްޓޭ ޓުއަރިޒަމާއި، ދާދި ފަހުން ސަވާދީއްތަ ދަތުރުގެ ނަމުގައި ބޭއްވި ޔޮޓު ރެލީ ފަދަ ހަރަކާތްތަކާއިއެކު މިކަންކަން ބަދަލުވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިފަދަ ދުވަހެއް ފާހަގަކުރުމުގެ މުހިންމުކަމަކީ ދުވަސްވީ ލިޔުންތަކާއި، ތަންތަނާއި އިސް ރަށްވެހިންގެ ވާހަކަތަކުން ތާރީޚީ މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތު ދިރާސާކޮށް، ދިވެހީންގެ ހަޟާރަތާއި، ކާބަފައިންގެ މަސައްކަތްތެރިކަމާއި ދިރިއުޅުމުގެ ވައްޓަފާޅި ދަސްކޮށް އެކަމުން އިބުރަތް ހާސިލުކުރުން ކަމަށް އެކަމަނާގެ މެސެޖްގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ކޮންމެ އަތޮޅަކީވެސް، އަދި ކޮންމެ ރަށަކީވެސް ޝައުޤުވެރިކުރުވަނިވި، މުއްސަނދި ތާރީޚެއް އޮތް ރަށެއް ކަމަށްވާއިރު، އަތޮޅުތަކާއި ރަށްރަށުގެ ތާރީޚު ހޯދައި، އެއްކޮށް، ފަސޭހައިން ބޭނުންކުރެވޭ ޒަމާނީ މަންސަތަކުގައި އެމަޢުލޫމާތު ރައްކާކުރުމަށް ލޯކަލް ކައުންސިލްތަކަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.

ރާއްޖޭގެ ތާރީޚު އޮޅުންފިލުވައި، ރާއްޖޭގައި ހުރި އާސާރީ ތަންތަން ބަލައި، ދިވެހީންގެ ސަގާފަތް ތަޖުރިބާ ކުރުމަށް އަދައި ފަތުރުވެރިން ރާއްޖެ އަންނާން ފެށުމަކީ މިއަދު މި ދެކޭ ފަތުރުވެރިކަން ސިންދަފާތު ކުރުމުގެ ހުވަފެނުގައި ކުލަޖެހި، ރައްޔިތުންނަށް އޭގެން އިޤުތިޞާދީ އެތައް ފައިދާއެއް ކުރާނެ ކަމެއް ކަމަށް ފާހަގަ ކުރެއްވިއެވެ.

އަދި ދިވެހީންގެ ދިގު ތާރީޚު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ސަގާފީ ފަތުރުވެރިކަމަކީ ވަރަށް ބޭނުންތެރި ކަމެއްގެ ގޮތުގައި ޔުމްނާ ވިދާޅުވެފައިވެއެވެ. އަދި ތަޢުލީމީ ދާއިރާގައިވެސް ދިވެހިންގެ ސަގާފަތާއި ގުޅިގެން ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްކުރަންޖެހިފައިވާ ކަމަށް އެމެސްޖްގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ތާރީޚު ލިޔުއްވައި، އުގަންނައި ދެއްވައި އަންނާން އޮތް ޖީލުތަކަށް ތާރީޚު ގެންގޮސްދެއްވުމަށް މަސައްކަތް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ބޭބޭފުޅުންނަށް، އެބޭބޭފުޅުންގެ އަގުނުކުރެވޭ މަސައްކަތްތައް ފާހަގަކޮށް ޝުކުރު ދަންނަވައި ދުވަހުގެ ހެޔޮއެދުންތައް ވަނީ އަރިސްކުރައްވާފައެވެ.