ކައުންސިލްތަކުން ފޯރުކޮށްދޭ މަސައްކަތްތައް ހަލުވިކޮށް ހިންގުން ހަރުދަނާކޮށް ޒަމާނީކުރުމުގެ ގޮތުން ކައުންސިލްތަކުގެ މަސައްކަތްތައް ޑިޖިޓައިޒްކުރުމުގެ މަސައްކަތް، ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރަމުންދާކަމަށް އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.
މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކުން ފޯރުކޮށްދޭ މަސައްކަތްތައް ހަލުވިކޮށް ހިންގުން ހަރުދަނާކޮށް ޒަމާނީކުރުމުގެ ގޮތުން ކައުންސިލްތަކުގެ މަސައްކަތްތައް ޑިޖިޓައިޒްކުރުމަކީވެސް، ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރަމުންދާ އެއްމެ މުހިންމު އެއް މަސައްކަތް ކަމަށާއި އަދި ކައުންސިލްތަކުގެ ޚިދުމަތް ފަސޭހައިން ލިއްބައިދިނުމަށްޓަކައި "މައި ކައުންސިލް"ގެ ނަމުގައި މޯބައިލް އެޕެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރެވެމުން ދާކަމަށް ވިދާޅުވި އެވެ.
މި ހިތާބުގައި މިނިސްޓަރ އިމްރާން ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމަގޮތުގައި ހިންގޭނީ ކައުންސިލްތަކާއި ރައްޔިތުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. އަދި ކައުންސިލްތަކުގެ ޒިންމާތައް، ގާނޫނުގައި ބުނެފައިވާ ބީދައިން އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށްޓަކައި އެ ހުރިހާ ފަރާތެއްގެ ޚިޔާލާއި މަޝްވަރާ ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ތައްޔާރުކުރެވޭ ބިނާވެށި ޕްލޭންތަކާއެކު، އެ ރަށްރަށުގެ ބިންތައް ޒޯނުކުރެވި، ގާނޫނާ އެއްގޮތަށް ބިންތައް ތަސައްރަފުކުރުމުގެ މިނިވަންކަން ކައުންސިލްތަކަށް ލިބިގެންދާނެކަން ޚިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ.
އުއްމީދަކީ ލާމަރުކަޒީ ނިޒާމުގެ ލާބަޔާ މަންފާ އެންމެ ހެޔޮގޮތުގައި ލޮބުވެތި ރައްޔިތުންނަށް ލިބިގެން ދިއުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!