ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކުރި ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާއަށް ރަޝިއާގެ ސިފައިން އަރާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއާ ހަވާލާދީ ބައެއް ނޫސަތަލުގައި ބުނެފައިވާ ގޮތުގައި އެ ގައުމުން ސިފައިން ދަނީ މިހާރު ޔޫކްރެއިންގައި “މިލިޓަރީ އޮޕަރޭޝަން” އެއް ހިންގަމުންނެވެ.

Ad
rt

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އެރި ނަމަވެސް އަދި ހަމަލާތަކެއް ނުފަށައެވެ. ނަމަވެސް ބޮމެއްގެ އަޑު އިވުނު ކަމަށް އެތަނުގައި ހަރަކާތްތެރިވާ ބީބީސީގެ ކަރަސްޕޮންޑެންޓެއް ވަނީ ބުނެފައެވެ.

ހަމަލާދޭން ފަށައިފިނަމަ އެ ފެށެނީ ޔޫރަޕުގައި ބޮޑު ހަނގުރާމައެއް ކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

މި ހަމަލާތައް ހުއްޓުވުމަށް އދ. އިން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަދު އދ. ގެ ކުއްލި ބައްދަލުވުމެއް ކުރިއަށްދާއިރު ސެކްޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ ރަޝިއާގެ ރައީސްއަށް އެ ގައުމުގެ ސިފައިން ހުއްޓުވުމަށް އަންގައިފައެވެ.

ރަޝިއާއިން ޔޫކްރެއިނަށަ ސިފައިން ފޮނުވީ ޔޫކްރެއިންގެ ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާއިން އަމިއްލައަށް މިނިވަންކަން އިއުލާން ކުރުމުން ޔޫކްރެއިން ސަރުކާރުން އެކަމާ ދެކޮޅު ހެދުމުންނެވެ. މި ދެ ސަރަހައްދުން ވަނީ ރަޝިއާއިން އެހީއަށް އެދިފައެވެ.

ދެ ގައުމުގެ ދެމެދުގެ ހަމަ ނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔެއަށްވެސް އޭގެ އަސަރު ކުރާނެއެވެ. އެގޮތުން މިހާރިވެސް ތެލުގެ އަގު ދަނީ ހީކުރިވަރަށްވުރެ އަވަހަށް އުފުލެމުންނެވެ.