ކެފޭންގެ ސަބަބުން ފަރުތަކާއި ކަނޑުގެ ދިރުންތަކަށް ގެއްލުން ވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ޕޯޗުގަލްގެ މެރިން ރީސާޗަރުން ހެދި މި ދިރާސާގައި ދައްކާގޮތުގައި އިންސާނުން ބޭނުން ކުރާ ކެފޭންގެ ސަބަބުން ކަނޑުގެ ދިރުންތަކަށްވާ ނުރައްކާ ވަރަށް ބޮޑެވެ. މީގެ ސަބަބުން ފަރުތަކަށް ގެއްލުންވާއިރު ގިނަ އަދަދެއްގެ ކަނޑުގެ ދިރުންތަކަށްވެސް އޭގެ އަސަރު ކުރާ ކަމަށް ދިރާސާއިން ދައްކައެވެ.
މި ދިރާސާ އަކީ ދުނިޔޭގެ 100 އަށްވުރެ ގިނަ ތަންތަނުން ސާމްޕަލްތައް ނަގައިގެން ހެދި ދިރާސާއެކެވެ. މި ދިރާސާގައި ފެނުނު ކަންކަމަށް ބާރުދޭ އެހެން ދިރާސާތަކެއްވެސް މިހާތަނަށް ވަނީ ހަދައިފައެވެ.
އެގޮތުން އިޓަލީގެ މެރިން ބަޔޮލޮޖިސްޓެއް ރާއްޖޭގައި ހެދި ދިރާސާއިންވެސް ކެފޭންގެ ސަބަބުން ފަރުތަކަށް ގެއްލުންވާ ކަން ވަނީ އެނގިފައެވެ. އޭނާ މި ދިރާސާ ހަދާފައިވަނީ މަގޫދޫ ފަޅުން ސާމްޕަލްތައް ނަގައިގެންނެވެ.
މަގޫދޫ ކައިރީގެ ފަރުތަކުން އޭނާ ނެގި ސާމްޕަލްތަކުން ދައްކާ ގޮތުގައި ސްޕޮންޖް މުރަކަތަކަށް ކެފޭންގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އެއީ މި މުރަކަތަކަކީ އެތެރެއަށް ފެން ދަމާލައި އެ ފިލްޓާ ކުރާ އެއްޗަކަށްވުމުންނެވެ.
ކެފޭން ކަނޑަށް ދަނީ ނަރުދަމާ ނިޒާމުގެ ތެރެއިންނެެވެ. ނަރުދަމާ ހޮޅިތައް ކަނޑަށް ސީދާ ގުޅާފައި ހުރުމުން ކޮފީ ނުވަތަ ބޭސް ނުވަތަ އެ ނޫންވެސް ކެފޭން ހުންނަ އެއްޗެއް ބޭނުން ކުރުމަށްފަހު ކުޑަކަމު ދިއުމުން އެ ތަކެތި ނަރުދަމާގެ ތެރެއިން ކަނޑަށް ދަނީއެވެ.
ރާއްޖޭގެ ފަރަކުން ދިރާސާ ކުރި ސީ ސްޕޮންޖެސް
މި ކަން ހައްލުވާނީ ނަރުދަމާ ޓްރީޓްމަންޓް ނިޒާމެއް ހުރުމުން ކަމަށް މެރިން ބަޔޮލޮޖިސްޓުން ގަބޫލު ކުރެއެވެ. ނަމަވެސް ރާއްޖޭގެ ނަރުދަމާ ނިޒާމުތައް ހުންނަނީ ޓްރީޓް ނުކުރާ ގޮތަށް ކަމަށް އިޓަލީގެ މެރިން ބަޔޮލޮޖިސްޓްގެ ދިރާސާގައި ވަނީ ފާހަގަ ކޮށްފައެވެ.
ކޮފީއަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި މަގުބޫލު ބުއިމެކެވެ. ކޮފީ ނުބޯ މީހުން ދިވެހިންގެ ތެރޭގައި ވަރަށް މަދުވާނެއެވެ. އެހެންކަމުން ކޮންމެ ދުވަަހަކު އެކި ރަށްރަށުން ކަނޑަށް އެ ބޭރު ކޮށްލެވެނީ ގިނަ އަދަދެއްގެ ކެފޭންއެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!