ޤިބްލަ ޙައްޖު އެންޑް އުމްރާ ގުރޫޕުން އަމިއްލަ އަށް ވިސާ ޖަހައިދިނުމުގެ ފުރުޞަތު ފަހިވުމުން ގިނަ ޕެކޭޖްތަކެއް ތަޢާރަފުކޮށްފި އެވެ.
މި ޕެކޭޖްތައް ތަޢާރަފްކޮށްފައިވަނީ ރޭ އެކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ރޭ އެކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެކުންފުނީގެ ޗެޔާމަން ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެކުންފުނިން ވިސާ ޖަހައި ދިނުމުގެ ޚިދުމަތް މިހާރު ފަހިވެފައިވާ ކަމަށެވެ.
"މިހާރު ޤިބްލަ ކުންފުންޏަކީ އަމިއްލަ އަށް ވިސާ ޖަހައިދިނުމުގެ ފުރުޞަތު ފަހިވެފައިވާ، އަދި އަޔާޓާގައި ގައި ރެޖިސްޓަރ ކުންފުންޏެއް"
އެކުންފުނީގެ ޗެޔާމަން ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން ޢުމްރާގެ އަޅުކަން އަދާކުރުމަށް ދިއުމަށް ރާއްޖޭގެ ޕްރައިވެޓް ސެކްޓަރ އިން ފޯރުކޮށް ދެމުންދާ ޚިދުމަތް އާ ހަރުފަތަކަށް ގެންގޮސް ޚިދުމަތް ފުޅާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ސީޒަނަލް ޢުމްރާތަކުގެ އިތުރުން ، ގްރޫޕުން ޢުމްރާއަށް ދާ ދުވަހަކަށް އިންތިޒާރު ނުކޮށް، ޢުމްރާ އަށް ދާން ބޭނުންވާ މީހާ އަށް، ވަގުތުވާއިރަކުން އޭނާއަށް ދެވޭ ގޮތައް ޚިދުމަތްތައް ލިބޭނެ އިންތިޒާމު ޤިބްލަ ކުންފުނިން ފަހިކޮށްދޭން ނިންމާފައިވާކަމަށް ވިދާޅުވި އެވެ.
ހަމަ އެއާއެކު ރަށުގަ ހުރެގެން އޮންލައިންކޮށް ވެބްސައިޓް ތެރެއިން ޢުމްރާއަށް ރެޖިސްޓަރ ވެވޭނެ އިންތިޒާމު ވެސް ފަހިކޮށްދެއެވެ.
ކުންފުނިން ފަހިކޮށްދޭ ޕެކޭޖްތަކާއި ޚިދުމަތްތަކުގެ ތެރޭގައި:
ވީއައިޕީ ޢުމްރާ ޕެކޭޖް
ވީއައިޕީ ޚިދުމަތުގެ ޢުމަރާގެ އަޅުކަން އަދާކުރުމަށް ދިއުމަށް ކޮންމެ ފަރާތަކަށް ވެސް އެދެވިދާނެއެވެ. މި ޕެކޭޖުގައި ކަނޑައެޅިފައިވާ އަގުގައި ޢުމްރާގެ ޚިދުމަތަށް އެދޭ ކޮންމެ ފަރާތަކަށް ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. މި ޚިދުމަތުގެ ދަށުން ޢުމްރާ ކުރާ ފަރާތްތައް ތިބޭނީ ޙަރަމްފުޅާ ވަރަށް ގާތުގައެވެ. އަދި އެތެރޭގެ ދަތުރުފަތުރުކުރުމުގައި ވެސް ފޯރުކޮށްދެވޭނީ ވީއައިޕީ ފެންވަރުގެ ޚިދުމަތެވެ.
ފެމިލީ ޕެކޭޖް
ފެމިލީ ޕެކޭޖަކީ، ގިނަ މީހުންނާ ވަކިން ޢުމްރާ ކުރަން ދިއުމަށް ބޭނުންވާ ވަކި ވަކި ޢާއިލާތަކަށް ދެވޭ ޚިދުމަތެކެވެ. މިޕެކޭޖުގައި ދަތުރުކުރަން ބޭނުންވާ ޢާއިލާއަކާ އެކު އެހެން ބަޔަކު ބައިވެރިނުވާނެއެވެ.
ޔޫތު ޕެކޭޖް
ޔޫތު ޕެކޭޖަކީ ޒުވާނުންނަށް ޚާއްޞަ ޢުމްރާ ޕެކޭޖެކެވެ. މި ދަތުރުގައި ޢުމްރާގެ އަޅުކަމުގެ އިތުރުން ޒުވާނުންނާ ގުޅޭ މަރުކަޒުތަކާއި އިސްލާމީ ތާރީޚީ ތަންތަނާއި ސްޕޯޓްސް ދާއިރާއާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރުމުގެ އިތުރުން ކީރިތި ރަސޫލާގެ ޒުވާން ޙަޔާތްޕުޅު ކިޔައިދިނުން ފަދަ ތަރުބަވީ ކަންކަން ވެސް ހިމެނޭނެއެވެ.
ސްޓޫޑެންޓް ޕެކޭޖް
ސްޓޫޑެންޓް ޕެކޭޖަކީ ކިޔަވާ ކުދިންނަށް ޚާއްޞަ ތަރުބަވީ ޢުމްރާ ޕެކޭޖެކެވެ. މިޕެކޭޖްގައި ޢުމްރާ ކުރާ ކިޔަވާކުދިންނަށް ޢުމްރާގެ އަޅުކަމުގެ އިތުރުން މައްކާއާއި މަދީނާއާއި ޠާއިފްގެ އިސްލާމީ ބިނާތަކާއި ތާރީޚީ ތަންތަނާއި ކަންކަން ކިޔައިދެވޭނީ ފިލާވަޅުތަކެއް ގޮތައް އެތަންގޮސް ހަމަލޮލުން ތަންތަން ދެކޭ ޙާލުގައެވެ. މީގެ އިތުރުން ދެޙަރަމްފުޅުގެ އިސް ޢިލްމުވެރިންގެ ތެރެއިން ބޭފުޅުންނާ ނުވަތަ މައްކާ މަދީނާގެ ޢިލްމުވެރިންގެ ތެރެއިން ބޭފުޅުންނާ ބައްދަލުކޮށް އެބޭފުޅުންގެ ކިބައިން ފިލާވަޅު ލިބިގަނެވޭނެއެވެ. މި ޕެކޭޖްގައި ޚިދުމަތް ދެވޭނީ ޚާއްޞަ ރޭޓްތަކެއްގައެވެ.
އައިލެންޑް ޕެކޭޖް
އައިލެންޑް ޕެކޭޖަކީ ވަކި ރަށްރަށުގެ މީހުން ޢުމްރާ އަށް ދިއުމަށް ކަނޑައެޅިފައިވާ ޕެކޭޖެކެވެ. މި ޕެކޭޖްގައި ވަކި ރަށެއްގެ މީހުން އެމީހުންނަށް ފަސޭހަ ދުވަސްވަރެއްގައި ޢުމްރާއަށް ދާން ބޭނުން ނަމަ އެކަން ފަހިކޮށްދެވޭނެއެވެ. އެ ދަތުރުގައި ދާނީ ހަމަ އެރަށެއްގެ މީހުން އެކަންޏެވެ.
ކޯޕަރޭޓް ޕެކޭޖް
ކޯޕަރޭޓް ޕެކޭޖަކީ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ޢުމްރާގެ އަޅުކަން އަދާކުރުމަށް ހަމަޖެހިފައިވާ ޕެކޭޖެކެވެ. މި ޕެކޭޖްގެ ދަށުން ޚާއްޞަ ރޭޓްތަކެއްގައި އޮފީސްތަކާއި ކުންފުނި ތަކުގެ މުވައްޒަފުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެެއެވެ.
ސީޒަނަލް ޢުމްރާ ޕެކޭޖް
ސީޒަނަލް ޢުމްރާ ޕެކޭޖަކީ، ބަރަކާތްތެރި ރަމަޟާންމަހާއި، އެނޫން މޫސުމްތަކުގައި ނުވަތަ އަހަރީ ޗުއްޓީތަކުގައި ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކުރެވޭ ޕެކޭޖެކެވެ.
ހަނީމޫންޓުއަރ
ހަނީމޫން ޓުއާއަކީ، ހަނީމޫންގެ ދުވަސްތަކުގައި މައްކާ މަދީނާއަށް ޒިޔާރަތްކުރުމާއި ސަޢޫދީ ޢަރަބިއްޔާގެ އެކި ތަންތަނަށް ޒިޔާރަތްކުރުމާއިި، ޢުމްރާގެ އަޅުކަން ވެސް އަދާކޮށް، މައްކާ މަދީގައި ދުވަސްތައް ހޭދަކޮށްލަން ބޭނުންވާނަމަ އެކަން ވެސް ފަހި ވާގޮތައް ޚާއްޞަ ކުރެވިފައިވާ ޓުއާއެކެވެ. ދަތުރުގެ އެންމެހާ ކަންކަމެއް ޚިދުމަތަށް އެދޭ ފަރާތްތަކުން ބޭނުންވާ ފެންވަރުގައި ކުންފުނީގެ ފަރާތުން މެނޭޖްކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!