ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ މިހާރު އިޞްލާޙުކުރަންވެފައި އޮތް ތަނެއް ކަމަށް ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ނާޒިމް މިހެން ވިދާޅުވީ، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދު މަޖިލިސް ތަޅުމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ނާޒިމް ވަނީ ތޯރިގް އެ އިސްލާޙަކީ ވަރަށް މުހިންމު އިޞްލާޙެއްގެ ގޮތުގައި ފާހަގަ ކުރަށްވާފައެވެ. އަދި އެގޮތަށް އެކަން ފާހަގަ ކުރަށްވާ ސަބަބަކީ ވޭތުވެދިޔަ ދުވަސްތަކާއި، މާޒީއަށް ބަލައިލާއިރުގައި ޖޭއެސްސީ ބޭނުންކޮށްގެން ޖުޑީޝަރީގެ ތެރޭގައި "ޖަރީމާތަކެއް" ހިންގާފައިވާ ތަން ފެނިވަޑައިގެންފައިވާތީ ކަމަށް ވިދާޅުވިއެވެ. އަދި ޖޭއެސްސީ ބޭނުންކޮށްގެން ޖުޑީޝަރީގެ ތެރޭގައި ގަބޫލުނުކުރެވޭ ކަހަލަ އެތައް ކަމެއް ހިނގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އެހެންކަމުން، އަޅުގަނޑުމެން އަދި ޚާއްޞަ ގޮތެއްގައި މޯލްޑިވްސް ނެޝަނަލް ޕާޓީން ގަބޫލުކުރާ ގޮތުގައި ޖޭ.އެސް.ސީއަކީ މިހާރު އިޞްލާޙުކުރަންވެފައި އޮތް ތަނެއް. ޖޭ.އެސް.ސީއަކީ ސިޔާސީ ނުފޫޒުން ފުރި، ސިޔާސީ ބޭނުންތަކަށް އަދި އެ މީހުން ބޭނުންވާ ކަންކަން ޖުޑީޝަރީގެ ތެރެއިން ކުރުމަށް ޓަކައި ކުރަމުންދާ މަސައްކަތުގައި އަޅުގަނޑު ގަބޫލުކުރަން." ނާޒިމް ވިދާޅުވިއެވެ.

ވޭތުވެދިޔަ ތަނުގައި ފެނުނު ދެ ސަރުކާރަކުން ވެސް ޖޭއެސްސީ ބޭނުންކޮށްގެން އެ މީހުން ބޭނުންވާ ކަންކަން ވަރަށް ބޮޑަށް ހާސިލުކުރަމުންދިޔަ ތަން ފެނިވަޑައިގެންފައިވާ ކަމަށާއި، އޭނާ ދަންނަ އަދި އެމްއެންޕީ ގަބޫލުކުރާ ޤާނޫނުއަސާސީގެ ހަމަޔަކީ، 3 ބާރު ވަކިވެފައި އޮތް ހަމައެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެގޮތުން ޖުޑީޝަރީއަކީ މިނިވަންކަމާ އެކީ މަސައްކަތްކުރުމުގެ ފުރުޞަތު ލިބެންޖެހޭ ތަނެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންނަމަވެސް، މިއަދު ޖޭ.އެސް.ސީގެ ކޮމްޕޮޒިޝަން އޮތް ގޮތަށް ބަލާއިރުގައި މިނިވަންކަމާ އެކީގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މަސައްކަތްކުރެވިދާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން." ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން، މެންބަރު ތޯރިގް ހުށަހަޅުއްވާފައި އޮތް އިޞްލާޙަކީ، ކޮންމެހެން ގެންނަންޖެހޭ އިޞްލާހެއް ކަމަށް މިއަދު ދެކިވަޑައިގަންނަވާ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ، ޤާނޫނުއަސާސީގައި 158 ވަނަ މާއްދާގައި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތަށް ބަލައިލާއިރުގައި ވެސް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒުގެ ތެރޭގައި އެތަން އޮތްތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް އެބަ އިންނެވި، ހައި ކޯޓުގެ ފަނޑިޔާރުން އެބަ ތިއްބެވި. ދަށު ކޯޓުގެ ފަނޑިޔާރުން އެބަ ތިއްބެވި. އަދި ހަމަ އާއެކީގައި ސިވިސް ސަރވިސް ކޮމިޝަނުގެ ރައީސް އެބަ އިންނެވި. ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރަކު އެބަ އިންނެވި. ހަމައެއާއެކީގައި ބަންޑާރަ ނައިބު އެބަ އިންނެވި. މި ބޭބޭފުޅުންގެ މައްޗަށް ބަލައިލިޔަސް، އެ އިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަން ކޮންޓްރޯލްކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ލިބިގެންދާކަން އަޅުގަނޑުމެންނަށް އެބަ އެނގޭ." ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން، މި ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން އޮއްވައި، އެންމެ އެކަށީގެންވާ ގޮތުގައި ޖުޑީޝަރީ މިނިވަންކޮށް އޮވެދާނެ ކަމަށް ގަބޫލެއް ނުކުރަށްވާ ކަމަށާއި، އަދި ފަނޑިޔާރުންގެ މައްޗަށް ނުފޫޒެއް ނުފޯރުވައި، ފަނޑިޔާރުން މިނިވަންކަންމަތީގައި ހުކުމެއް ކުރަށްވާނެ ކަމަކަށް ގަބޫލު ނުކުރަށްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ބަހުސްގައި ވަނީ ޖޭއެސްސީއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި ވެސް ވާހަކަ ދައްކަވާފައެވެ.