ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސްގެ މޭރީގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގެ އަސަރު މޭރީގެ ހަށިގަނޑު ފެނިފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މިދިޔަ އޮކްޓޫބަރު މަހު މަރާލި މޭރީގެ މަރުގެ މައްސަލާގައި ޅ. ހިންނަވަރަށް ނިސްބަތްވާ ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެ ދެ މީހުން ރާވައިގެން މޭރީ މަރާލި ކަމަށް ބުނެ އެވެ. ލަމްހާއަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ތުހުމަތެވެ.

Ad
rt

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ މޭރީގެ ޓޮކްސިކޮލޮޖީ ތަހުލީލު ރާއްޖެއިން ބޭރުން ހެދިއިރު، މޭރީގެ ލޭގައި ސަކްސިނައިލްކޮލިންގެ އަސަރުގެ ފެނިފައިވާ ކަމަށެވެ. އަދި އޭގެ ތަހުލީލު ރިޕޯޓު ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ. ސަކްސިނައިލްކޮލިންއަކީ ހޮސްޕިޓަލްތަކުގައި ކުރާ އޮޕަރޭޝަންތަކުގައި ހޭނައްތަން ބޭނުންކުރާ އެއްޗެކެވެ. އަދި މޭރީގެ ހަށިގަނޑުގައި ވެސް، އިންޖެކްޝަން ޖަހާފައި ހުރިކަމުގެ ނިޝާންތަކެއް ފެނުނު ކަމަށް ދައުލަތުން ބުންޏެވެ.

އެ ބާވަތުގެ އިންޖެކްޝަނެއް ލަމްހާގެ ގެއިން ވެސް ފެނިފައިވެ އެވެ. އެއީ ހޮސްޕިޓަލްގައި އެކަނި ބޭނުން ކުރެވޭ އެއްޗެކެވެ. އެ މައްސަލާގައި ވެސް ވަކި ދައުވާއެއް ލަމްހާގެ މައްޗަށް ކުރެ އެވެ.

ލަމްހާގެ ޝަރީއަތް ސިއްރުކުރަން އޭނާގެ ވަކީލުން މިއަދު އެދުނެވެ. އެއީ ނޫސްވެރިން ޝަރީއަތުގައި ތިއްބާ ލަމްހާގެ އަމިއްލަ ޒާތީ މައުލޫމާތުތަކެއް ހާމަ ނުކުރެވޭނެ ކަމަށް ބުނެ އެވެ. އެކަމަކު ގާޒީ ނިންމެވީ ޝަރީއަތް ސިއްރު ނުކުރުމަށެވެ. އަދި ދައުލަތުން އެދިގެން އޭނާ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.