ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ވެލެންސިއާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ.

މުޅި މެޗު ކޮންޓްރޯލް ކޮށްގެން ބާސާއިން ކުޅުނުއިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ޖޯޑީ އަލަބާ ވެލެންސިއާގެ ޑިފެންސްގެ ފަހަތަށް ކުޅުނު ދިގު ބޯޅައެއް އެއްފަހަރުން ކޮންޓްރޯލްކޮށް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ މި މަހު ދެވަނަ ދުވަހު ފްރީ ޓްރާންސްފާއެއްގެ ދަށުން އާސެނަލުން ބާސާއަށް ބަދަލުވި އޮބާމަޔަންއެވެ. މިއީ ބާސާގެ ޖޯޒީގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

Ad
rt

ބާސާއިން ލަނޑު ޖެހިތާ ތިން މިނެޓް ފަހުން ވެލެންސިއާއިން ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑު ވަނީ އޮފްސައިޑްކަމަށް ނިންމާފައެވެ. ބާސާއަށް މެޗުގައި ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ 32 ވަނަ މިނެޓުގައި ޑެމްބެލޭ ތަނަވަސް ކޮސްދިން ފުރުޞަތެއްގައި ފްރެންކީ ޑި ޔޮންއެވެ.

ބާސާގެ ތިންވަނަ ލަނޑު 38 ވަނަ މިނެޓުގައި ގަވީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮސްދީފައި ވަނީ ވެސް އޮބާމަޔަންއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާއިން އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް އެ ފުރުޞަތު އެ ޓީމަށް ތަނަވަސް ވެފައި ވަނީ ބޭރުވެފައި އޮތް ބޯޅައެއް އެތެރެކޮށްގެން ކުޅުމުގެ ސަބަބުން ކަމަށް ވާތީ ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑު ވެސް ވަނީ ކެންސަލް ކޮށްފައެވެ.

ވެލެންސިއާއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު 52 ވަނަ މިނެޓުގައި ބުރްޔަން ގިލް ބާސާގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަސް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ކާލޮސް ސޮލާއެވެ. ބާސާގެ ހަތަރުވަނަ ލަނޑު 63 ވަނަ މިނެޓުގައި އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދީފައި ވަނީ ޕެޑްރީއެވެ.

މި މޮޅާއިއެކެ ބާސާއިން ލީގުގައި އެނެމް ފަހުން ކުޅުނު ނުވަ މެޗުގައި ވެސް ބަލިވެފައި ނުވާއިރު ވެލެންސިއާއަށް އެންމެ ފަހުން ލީގުގައި ކުޅުނު ހަތް މެޗުގައި ވެސް މޮޅެއް ހޯދިފައި ނުވެއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ބާސާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައެވެ. ބާސާއަށް 24 މެޗުން ލިބިފައި ވަނީ 42 ޕޮއިންޓެވެ. މެޗުން ބަލިވި ވެލެންސިއާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 12 ވަނާގައެވެ. އެ ޓީމަށް 25 މެޗުން ލިބިފައި ވަނީ 30 ޕޮއިންޓެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ރެއާލް މެޑްރިޑެވެ. ރެއާލަށް 25 މެޗުން 57 ޕޮއިންޓް ވަނީ ލިބިފައެވެ.