އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ މާޗު ހަތް ވަނަ ދުވަހަށް ތާވަލު ކޮށްފިއެވެ.

އެ ކުންފުނިން ބުނީ މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ. ޖަލްސާ އޮންނާނޯ ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލުގައެވެ.

Ad
rt

އުރީދޫ އިން ބުނީ ކޯވިޑް-19ގެ މިހާރުގެ ހާލަތާއި ހިއްސާދާރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ، އަހަރީ އާންމު ޖަލްސާ ބާއްވާއިރު، ސަރުކާރުން އިއުލާނުކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް ސަރުކާރުން ހުއްދަކުރާ އަދަދަކަށް ބަލައި، ޖަލްސާ ބާއްވާ ހޯލުގައި ގައިދުރުމިން ބަހައްޓަންޖެހޭ މިންގަނޑުތަކަށް ފެތޭގޮތަށް، ޖާގަ ހުރި މިންވަރަކަށް ކަމަށެވެ. ހިއްސާދާރުންގެ ތެރެއިން ޖަލްސާ ބާއްވާ ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޖާގަ ހުރި މިންވަރަކުން އެ ފުރުސަތު ދިނުމަށްފަހު، ބާކީ ތިބި ފަރާތްތަކަށް އޮންލައިންކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވޭނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މާޗު 5ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.

ކްރޮސް ރޯޑްސް މޯލްޑިވްސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ތެރެއިން އެ ހުއްދަ ދެވޭނީ، ވެކްސިންގެ ޑޯޒުތައް ހަމަކޮށްފައިވާކަމަށް ބަޔާންކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ދޫކޮށްފައިވާ ވެކްސިނޭޝަން ކާޑު ނުވަތަ ކޮވިޑް-19 ޑިޖިޓަލް ސަޓިފިކޭޝަން ހުށަހަޅާ ފަރާތްތަކަށެވެ.

މި ޖަލްސާގައި ބައިވެރިވޭނީ ފެބްރުއަރީ 17ގެ ކުރިން ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް 1 (އެކެއް) ވޯޓު ލިބޭނެއެވެ.