ފޭރު ނުވަތަ ގޯވާ (ސިޑިއަމް ގުހާވާ) އަކީ، މަޔަޓޭސިޔާ އާއިލާއަށް ނިސްބަތްވާ، ވިޔަފާރީގެ ގޮތުން އަގުހުރި މޭވާއެކެވެ. ދުނިޔޭގެ ޓްރޮޕިކަލް އަދި ސަބްޓްރޮޕިކަލް ސަރަހައްދުތަކުގައި ވެސް ފޭރު ހައްދައި އުޅެއެވެ.
އުފެއްދުންތެރިކަމުގެ ގޮތުން ދުނިޔޭގެ ނިސްބަތުން، ފޭރަކީ އެހާ ކާމިޔާބު ބާވަތަކަށް ވެފައި ނުވަނީ، ގަސް ބެލެހެއްޓުމުގެ އުކުޅުތައް ދަނޑުތަކުގައި ބޭނުން ނުކުރާތީ ކަމަށް، ދަނޑުވެރިކަމުގެ މާހިރުން ފާހަގަކުރެއެވެ. ރާއްޖޭގައި ދަނޑުވެރިކަމުގެ ބާވަތެއްގެ ގޮތުގައި ފޭރު ހައްދައި އުޅެނީ، ނިސްބަތުން ވަރަށް މަދުންނެވެ.
މިފަހަރު މި ބަލައިލަނީ ދަނޑެއްގައި ނުވަތަ ގޯތިތެރޭގައި ވިޔަސް ފޭރު ހައްދާއިރު ބޭނުން ކުރެވިދާނެ "ގަސް ބެލެހެއްޓުމުގެ" އެއް އުކުޅަށެވެ. އެއީ ގޮފި ލެންބުމެވެ.

ފޭރު އެޅުމާއި ގޮފި ލެންބުން
ގިނަ މުޑުވައްތަކުގެ ފޭރު، އަހަރެއްގެ ތެރޭގައި ތިން މޫސުމަށް އެޅިނަމަވެސް، އަހަރުގެ ހުރިހައި ދުވަސްވަރެއްގައި ވެސް ފޭރު އަޅަމުން ދެއެވެ. ފޭރުގަހުގައި މައު އަޅަނީ، 'އެންމެ ފަހުން ހެދޭ ކުރިތަކާއި' 'ނިރު ކުރީގަ' އެވެ. "ހެދޭ ކުރި" ތަކުގެ ކޮޅުގައާއި ދެފަރާތުގައިވެސް މައު އެންމެ ގިނައިން ނުކުންނަ ކުރިތައް ކަމުގައިވާ "ނިރު ކުރިތައް' ޖަހައެވެ.

ގޮފި ލެންބުމުގެ އުކުޅު ބޭނުން ކޮށްގެން، ނިރުކުރި ޖަހާ އަދަދު އެތައް ގުނައަކަށް އިތުރު ކުރެވެއެވެ. އެހެންކަމުން ގިނަ މައު އަޅައި ގިނަ ފޭރު ލިބެއެވެ.
ގޮފި ލެންބުމުން ވަނީ ކިހިނެއް؟
ކޮންމެ ގަހެއްގެވެސް ގޮފިތަކާއި އޮފިތަކުގެ އެންމެ ކުރީގައި، "އޮކްސިން" ނަމަކަށް ކިޔާ ހޯމޯނެއް ޤުދުރަތީ ގޮތުން އުފެދެއެވެ. މި ހޯމޯން އަބަދުވެސް ދަތުރު ކުރަނީ ތިރިއަށެވެ. އައު ކުރި ޖަހަނީ މިހެން ވެގެނެވެ. އޮލަނބަށް ހުންނަ ގޮފިތައް، ސަތަހައަށް ވާގޮތަށް ލެންބުމުން އެއްކަލަ އޮކްސިން މުޅި ގޮތްޕަށް ފަސޭހައިން ފެތުރިގެން ދެއެވެ.

މީގެ ސަބަބުން ނިރުކުރި ޖަހާ މިންވަރު ވަރަށް ބޮޑުތަން އިތުރު ކޮށްދެއެވެ. އަދި މި އުކުޅު ބޭނުންކުރުމުން ގަސް ހާސްވުމުން އުފައްދާ މާއްދާތައް އިތުރުވެ، އޭގެ ސަބަބުން ވެސް ނިރުކުރި އިތުރު ވެއެވެ.
ގޮފި ލަންބާނީ ކިހިނެއް؟
ގޮފި ލެންބުމަކީ ނުހަނު ފަސޭހަ ކަމެކެވެ. ނަމަވެސް ގޮފި ލެންބުމަށް، ގަހުގެ ވަށައިގެން ފަސް ފޫޓު ހުންނަން ޖެހެއެވެ. އޮށުން ފަޅާ ގަހަކަށް، ދެ އަހަރު ވުމުން، އަށް އަހަރު ވަންދެން ގޮފި ލަންބަމުން ގެންދެވިދާނެއެވެ. ވެލި ބަނދެގެން ނުވަތަ ފޯދިފައި ހުންނަ ގަހެއްގެ ކުރި ގުޅުވައިގެން ހައްދާފައި ހުންނަ ގަހެއް ނަމަ، މައި ތިން ގޮފި ޖަހައި، މުށިކުލަ އެރުމުން، ގޮފި ލަންބަން ފަށަންވީއެވެ.
ގޮފި ލަނބަން ބިމުގައި ޖައްސާފައި އަދި ގޮފިތައް ދޫކޮށްލާފައި
އަބަދުވެސް ފޭރު މަތިވަރު ނިމުމުން މަދުވެގެން އެއް މަސްދުވަހަށް ލެންބި ލެންބުމުން ގޮފިތައް މިނިވަންކޮށް ދޫކޮށްލަންވާނެ އެވެ.
ގޮފި ލެންބުމަށް މިގޮތަށް ޢަމަލު ކުރާށެވެ.
1. ގަހުގެ ނިސްބަތަށް ބަލައި ގެރިގުއި ނުވަތަ ޔުނިގްރޯ ފަދަ ގަސް ކާނާއެއް ގޮފި ލެންބުމުގެ، ދެ ހަފްތާ ކުރިން ގަހުގެ ބުޑަށް އަޅައި އެއް އިރު ފެންދެމުން ގެންދާށެވެ.
2. އެހައިތަނަށް ލަންބާ ގޮފީގައި ޖަހާފައި ހުރި ޅަކުރިތަކާއި މައު ބޯށި އަދި މައުތައް ގަހާ ވަކިކޮށްލާށެވެ.
ފޭރު ބޯށި ނިކުމެފައި
3. ގޮފީގެ އެންމެ ކުރިން ފެށިގެން މަތީގައި ހުރި 10 ޖޯޑު ފަތް ފިޔަވައި ތިރިއަށް ހުރި ހުރިހައި ފަތެއް ވަކިކޮށްލާށެވެ.
4. ގޮފީގެ އެންމެ ބުޑުން ފެށިގެން އަތުން ބާރުލަމުން، ގޮފި ތިރިއަށް ވާގޮތަށް ލަންބަމުން ގެންދާށެވެ. މިހެން ގޮސް ވަށްބުރަކަށް ވާގޮތަށް ލެންބުމަށްފަހު މަޑު ފޮތިކޮޅަކުން، ދެ ތަނަކުން ގޮފި ފައްތަރުވާ ހިސާބު ބަނދެލާށެވެ. މިހެން ހެދުމުގެ ބަދަލުގައި ގޮފި ލަންބަމުން ގޮސް، ކޮޅު ބިންމަތީގައި ޖެހޭ ވަރަށް ތިރިކޮށް، ބިމަށް ދަނޑިކޮޅެއް ޖަހާފައި، އެދަނޑިކޮޅުގައި ގޮފި މަޑު ފޮތިކޮޅަކުން އައްސައިލެވި ދާނެއެވެ.
5. ޖަހާ އައު ކުރިތައް ދެ ސެންޓިމީޓަރަށް ދިގުވުމުން، އެއްސި އެއްސުންތައް މޮހެލާށެވެ.
6. މައު އަޅަން ފެށުމުން އާންމުކޮށް ގަހަށް އަޅާލާގޮތަށް އަޅާލަމުން ގެންދާށެވެ.

މި އުކުޅަކީ، އޭގައި ސައިންސުގެ ޙިކުމަތް އެކުލެވޭ އަދި އުފެއްދުންތެރިކަން އެތައް ގުނައަކަށް އިތުރު ކުރެވޭ އުކުޅެކެވެ. އަދި ބާޒާރުގައި އެންމެ އެކަށީގެންވާ އަގު ހޯދުމަށް، ދުރާލައި ވިސްނައިގެން މި އުކުޅުގެ ބޭނުން ހިފިދާނެއެވެ. އަދި ކިޔެއްތަ، މިއީ އެހައިމެ ޚަރަދު ކުޑަ އުކުޅެއްވެސް މެއެވެ. ތަޖުރިބާ ކޮއްލުން ކިހިނެއްހެއްޔެވެ؟
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!