ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރެއާލުން މި މެޗު ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް މާ އެދެވޭ ކުޅުމެއްކުޅެ ދެއްކިފައި ނުވާއިރު، ލަނޑު ޖަހާނެ މާ އެދެވޭ ފުރުޞަތެއް ވެސް ހޯދިފައި ނުވެއެވެ. ނަމަވެސް އަލަވޭސްއިން ވަނީ ދެ ހަމަލާއެއް އުފައްދާފައެވެ.
ފުރަތަމަ ހާފައި ޚިލާފަށް ރެއާލުން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން 55 ވަނަ މިނެޓުގައި ރެއާލްގެ ވިނީސިއަސް އަލަވޭސްގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ ފޮނުވާލި ހަމަލާ އަލަވޭސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އެ ބޯޅަ ރިބައުންސް ވީ ވަގުތު ބެންޒެމާއަށް ގޯލަށް ފޮނުވާލުމުގެ ފުރުޞަތު ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަކާ އަލަވޭސްގެ ޑިފެންޑަރުން ވަނީ ބްލޮކް ކޮށްފައެވެ.
މެޗުގެ 61 ވަނަ މިނެޓުގައި އަލަވޭސްގެ ޖޭސަންއަށް ވަނީ ހުސް ފުރުޞަތެއް ލިބިފައެވެ. ރެއާލްގެ އެސެންސިއޯ ކީޕަރު ކޯޓުއާއަށް ފަހަތަށް ކުޅުނު ބޯޅަ ޖޭސަން ވަނީ އަތުލާފައެވެ. އޭނާ އެ ބޯޅަ ހިފައިގެން ހުސްކޮށްވަދެ ކީޕަރު ގައިން ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ބޯޅަ އަމާޒުވެފައި ވަނީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.
މެޗުގައި ރެއާލުން ލީޑު ނަގާފައި ވަނީ 63 ވަނަ މިނެޓުގައެވެ. މި ލަނޑު އަލަވޭސްގެ އޭރިއާ ބޭރުގައި ހުރެ ގޯލުގެ ދުރުކަނަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ އެސެންސިއޯއެވެ. ރެއާލުން ކާމިޔާބުކުރި ދެވަނަ ލަނޑު ބެންޒެމާއާއި އެސެންސިއޯ ގުޅިގެން އުފެއްދި ހިތްގައިމު ފުރުޞަތެއްގައި ތަނަވަސް ކުރި ފުރުޞަތުގައި ކާމިޔާބު ކޮށްދީފައި ވަނީ ވިނީސިއަސްއެވެ. ރެއާލުން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ބެންޒެމާއެވެ.
މި ނަތީޖާއާއިއެކު ރެއާލަށް ވަނީ ޕޮއިންޓް ތާލަވުލެ އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 25 މެޗުން ލިބިފައި ވަނީ 57 ޕޮއިންޓެވެ. މި މެޗުން ބަލިވި އަލަވޭސް މިވަގުތު އޮތީ ކުޅުނު 25 މެޗުން ލިބުނު 20 ޕޮއިންޓާއިއެކު ތާވަލުގެ 19 ވަނާގައެވެ. ޕޮއިންޓް ތާވަލުގެ ދެވަނާގައި މިވަގުތު އޮތީ ސެވިއްޔާއެވެ. އެ ޓީމަށް 24 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، މިރޭ އެސްޕައިނިޔޯލާއި ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ރެއާލާއި ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ކުޑަ ކުރުމުގެ ފުރުބަތު ސެވިއްޔާއަށް އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!