ސަރުކާރުން ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކުރާ ރޯހައުސްތަކާއި ފުލެޓުތައް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކާބެހޭ ގަވާއިދެއް އެކުލަވާލައިފިއެވެ.
ހައުސިން މިނިސްޓްރީން ނެރެފައިވާ ގަވާއިދުގައިވާ ގޮތުން ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދެވޭނީ އެ މަޝްރޫއު ހިންގި އިދާރާއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން އެ އިދާރާއެއްގެ ހުއްދަ ލިބިގެން ކަމަށެވެ. ނަމަވެސް އިޖުތިމާއީ ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ފުލެޓްތަކާއި ރޯހައުސްތަކާއި ގޯތި ފަދަ ތަންތަން މުޅިތަން އެއްކޮށް ކުއްޔަށް ނުދެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ހައުސިން މަޝްރޫއުތަކުގެ ދަށުން ރޯހައުސްތަކާއި ފުލެޓުތަކާއި ގޯތި ފަދަ ތަންތަން ކުއްޔަށް ދެވޭނީ ފަސް އަހަރަށެވެ. އެ މުއްދަތު ހަމަވުމުން އެތަނެއް ކުއްޔަށް ދެވޭނީ އަލުން ހުއްދަ ނަގައިގެންނެވެ.
މި ގަވާއިދަށް އިއްޔެ އަމަލުރަން ފަށާފައިވާއިރު އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ދޫކޮށްފައިވާ ފުލެޓްތަކާއި ރޯހައުސްތަކާއި ގޯތި ފަދަ ތަންތަނުގެ ތެރެއިން އެއްކޮށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދިނުމަށް ދޫކޮށްފައިވާ ހުއްދަތައް މިހާރު ބާތިލުވާނެއެވެ.
ގަވާއިދާ ހިލާފަށް މިފަދަ ތަނެއް ކުއްޔަށް ދީފައިވާ މައްސަލައެއް ކައުންސިލަށް ރިޕޯޓުކޮށްފިނަމަ ނުވަތަ އެފަދަ ކަމެއް ކައުންސިލަށް ފާހަގަކުރެވިއްޖެނަމަ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގި އިދާރާއަށް އެ ކައުންސިލަކުން އަންގަން ޖެހޭނެއެވެ. އަދި އެކަމެއް ބަލައި ފިޔަވަޅު އެޅުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށްވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.
މި ގަވާއިދު ސަރުކާރުން އެކުލަވާލާފައި ވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކޮށްފައި ހުރި ހިޔާ ފްލެޓްތައް މިހާރުވެސް ގިނަ ބަޔަކު ބަނީ ކުއްޔަށް ދޫކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!