މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި ނާއިބު ލީޑަރު ކަމަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިންތިހާބު ކޮށްފި އެވެ.
65 މެންބަރަކު ތިއްބަވާ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު 13:30 ގައެވެ.
މި އިންތިޚާބުގައި ޕީޖީ ލީޑަރުކަަމަށް އަސްލަމާއި ވާދަކުރެއްވީ މިހާރުގެ ޕީޖީލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމެވެ. އަސްލަމަށް 40 ވޯޓު ލިބުނުއިރު އާޒިމަށް ލިބުނީ 25 ވޯޓެވެ.
ޕީޖީގެ ނައިބު ލީޑަރުކަމަށް ބިގޭއާއި ވާދަކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ. އެ ދެ ބޭފުޅުންނަށް ލިބިވަޑައިގެން ވޯޓްގެ އަދަދު އެއްވަރުގެ އަލުން ވޯޓް ނެގުމަށް ވަނީ ނިންމާފައެވެ.
މިއަދުގެ އިންތިޚާބުގައި ބިގޭ ވޯޓުލައްވަނީ، ފޮޓޯ: އެމްޑީޕީ
މިއިންތިޚާބުގައި ވަނީ ޕީޖީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށާއި، ވިޕުން ވެސް ހޮވާފައެވެ. މިގޮތުން އެމްޑީޕީގެ އެސްޖީއަކަށް 63 ވޯޓާއެކު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވަނީ އިންތިޚާބު ވެފައެވެ.
ޗީފް ވިޕަކަަށް ތިނަދޫ މެންބަރު އަބްދުލް މުޣުނީ 34 ވޯޓާއެކު އިންތިޚާބުވެ ވަޑައިގެންފައިވާއިރު، ވިޕުންގެ ގޮތުގައި އިންތިހާބުވެވަޑައިގަތީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި، ވައިކަރަދޫ ދާއިރާގެ މެންބަރު ހަސަން ޒިއާދު އާއި، ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!