މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާނެ މީހުން ހޯދަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް އިން އިއުލާންކޮށްފި އެވެ.
މިއަދު އެ ބިއުރޯއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި އަހަރުގެ ސެޕްޓެމްބަރު 13 އާއި 14 އަދި އެ މަހުގެ 17-25 އަށް ކުރިއަށް ގެންދާ ބޯހިމެނުމުގައި ޓްރޭނަރުންނާއި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ މެއި މަހުގެ 31 ނިޔަލަށެވެ.
ތަމްރީނުތަކުގެ ދުވަސްވަރުގަ އާއި ބޯހިމެނުމުގެ މަސައްކަތުގައި އުޅޭ ދުވަސްތަކަށް އެލަވަންސެއް ދޭން ނިންމާފައިވާއިރު، ޓްރެއިނަރުންނާއި އެނިއުމޭޓަރުންގެ ގޮތުގައި 4،400 މީހުން ބޭނުންވެ އެވެ.
މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެލަވަންސް ދޭން ހަމަޖެހިފައި ވަނީ ތަމްރީނު ފުރިހަމަކޮށްް، ބޯހިމެނުމުގެ މަސައްކަތް ފުރިހަމަކޮށް ނިމުނީމަ އެވެ.
ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް އެއް ހަފުތާގެ ތަމްރީނެއް ދޭން ހަމަޖެހިފައިވެއެވެ. ރަށްރަށުގައި ތަމްރީނު ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގައެވެ. މާލޭގައި ތަމްރީނު ދިނުމަށް ހަމަޖެހިފައި ވަނީ އޯގަސްޓާއި ސެޕްޓެމްބަރު މަހުގެ ތެރޭގައިކަމަށް ބުނެފައިވެއެވެ.
އެހެންވެ ޝައުގުވެރިވާ މީހުންނަށް މި ލިންކް މެދުވެރިކޮށް http://statisticsmaldives.gov.mv/applicationform/census2022 އެޕްލައިކުރެވޭނެ އެވެ. އިތުރު މައުލޫމާތު 3008400 އަދި 3008408 އިން ހޯދޭނެ ކަމަށް އެބިއުރޯއިން ބުނެފައިވެއެވެ.
ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައި ވަނީ 1911 ވަނަ އަހަރުގަ އެވެ. އެއަށް ފަހު، ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސް 1931 ވަނަ އަހަރާ ހިސާބުން އާބާދީގެ ބޯހިމެނުމަށް މެދުކެނޑުމެއް އަ އެވެ. އަލުން އެ މަސައްކަތް ފެށީ 1946، 1953 އަދި 1957 ގައެވެ. އޭގެ ފަހުން ދެން ބޯ ހިމެނުން މެދު ކެނޑުނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއެކު ބޯހިމެނުން މެދުކެނޑުމަށްފަހު ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. މުޅި ރާއްޖޭގައި ކުރިޔަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!