މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ފޯމް ހުށައަޅުއްވައިފި އެވެ.

އެމްޑީޕީގެ ގަމު ދާއިރާގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ، ފައްޔާޒް ފޯމު ހުށަހަޅުއްވާފައިކަމަށް އެމްޑީޕީން ދެންމެ ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.

Ad
rt

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވުމަށް ފޯމް ހުށައެޅުއްވީ އޭނާއަށް ތާއީދު ކުރައްވާ އެމްޑީޕީގެ 6،000 ވުރެ ގިނަ މެންބަރުންގެ ސޮޔާއެކު އެވެ.

ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް ފައްޔާޒު ފޯމު ހުށަހެޅުއްވިއިރު މިއަދު ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަކުރަށްވަން، ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު މައިމޫން މުހައްމަދު ވެސް ވަނީ ފޯމު ހުށަހަޅުއްވާފައެވެ. އަދި އަންހެނުންގެ ރޫޙުގެ ރައީސާ ކަމަށް ވާދަކުރެއްވުމަށް ޞަފާތު އަޙްމަދު ޒާހިރު ވެސް ވަނީ ފޯމު ހުށަހަޅުއްވާފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ފުރުއްވަމުން ގެންދެވި އެމްޑީޕީގެ އެ މަގާމުގެ ފަސް އަހަރުގެ ދައުރު ފެބްރުއަރީ 12 އަށް ވަނީ ހަމަވެފަ އެވެ.

ފެބްރުއަރީ 12 ވަނަ ދުވަހު އެމްޑީޕީން ވަނީ އެ ޕާޓީގެ ޗެއާޕާސަން ކަމަށާއި، އަންހެނުންގެ ރޫހުގެ ރައީސާ ކަމުގެ މަގާމަށާއި، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބު މަގާމަށް ކުރިމަތިލުމަށް ފުރުޞަޠު ހުޅުވާލާފައެވެ. އެ އިންތިހާބުތައް ބާއްވަން ހަމަޖައްސާފައިވަނީ އޭޕްރީލް 16، 2022 ގައިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒުގެ އިތުރުން ވާދަކުރައްވަން ނިންމަވާފައި ވަނީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އަންހެނުންގެ ރޫޙޫގެ ރައީސްކަމަށް ވާދަކުރައްވަން ދެން ނިންމަވާފައިވާ ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެވެ.