ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލްއާ ގުޅުވައިގެން ޓުއަރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ގުޅިގެން ސްޓޭމްޕެއް ތައާރަފްކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސްޓޭމްޕް ނެރެދެއްވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބާނީން ކަމަށްވާ އެމްޔޫ މުހައްމަދު އުމަރު މަނިކާއި ހުސެއިން އަފީފާއި އަހުމަދު ނަސީމާއި ޖޯޖް ކޯބިންގެ އިތުރުން ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހުމަދު މުޖުތަބާއެވެ. މި ރަސްމިއްޔާތުގައި މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙު ދައްކުވައިދޭ ސްޓޭމްޕްތައް ނެރުމުގެ ރަސްމީއްޔާތުގައި ތެރެއިން މި ބޭފުޅުން ވަނީ ސްޓޭމް ކަލެކްޝަން އިޝޫގައި ސޮއިކޮށްދެއްވާފައެވެ.

މިއަދު މި ސްޓޭމްޕް ނެރެފައިވާއިރު މިއަދަކީ 50 އަހަރު ކުރިން ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިން އައި ދުވަހެވެ. ޖޯޖް ކޯބިން އާއެކު ފުރަތަމަ ގްރޫޕުގައި އައީ އިޓަލީގެ ނޫސްވެރިންނާއި ފަތުރުވެރިންތަކެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ 50 އަހަރު ރަމްޒުކޮށްދޭ ހަ ސްޓޭމްޕެއް ޕޯސްޓު ލިމިޓެޑުން ވަނީ ނެރެފައެވެ. އެއީ ފަތުރުވެރިކަން ރާއްޖޭގައި ފެށުނު 1972 ވަނަ އަހަރު ރަމްޒުކޮށްދޭ ސްޓޭމްޕަކާއި، 1986 ގައި ވޯޓާ ވިލާ ރާއްޖެއަށް ތަޢާރަފުވުން ރަމްޒުކޮށްދޭ ސްޓޭމްޕަކާއި، 1987 ވަނަ އަހަރު ހޮސްޕިޓަލިޓީ ޓްރެއިނިން އިންސްޓިޓިއުޓް އިފްތިތާހުކުރުން ރަމްޒުކޮށްދޭ ސްޓޭމްޕެއްގެ އިތުރުން 1993 އަހަރު ސީޕްލޭން ހިދުމަތް ރާއްޖޭގައި ފެށުން ރަމްޒުކޮށްދޭ ސްޓޭމްޕެއްވެސް ވަނީ ތައާރަފް ކޮށްފައެވެ.

މީގެ އިތުރުން 2010 ވަނަ އަހަރު ގެސްޓް ހައުސް ވިޔަފާރި ރާއްޖެއަށް ތައާރަފުވުމާއި ގުޅޭ ސްޓޭމްޕަކާއި، މިއަހަރު ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމާއި ގުޅިގެން އެކަމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ސްޓޭމްޕެއްވެސް ހިމެނެއެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ކުލަ ގޮތެއްގައި މިއަހަރު ފާހަގަކުރަން ވަނީ ނިންމާފައެވެ.

ރާއްޖޭގެ ފުރަތަމަ ރިސޯޓު، ކުރުނބާ ވިލެޖް ހުޅުވީ އޮކްޓޫބަރު 3، 1972 ގައެވެ. އެހެންވެ ޓޫރިޒަމް ދުވަސް ފާހަގަ ކުރާނީ ވެސް އޮކްޓޯބަރު ތިނެއްގައެވެ.