މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ފޯމް ހުށައަޅުއްވައިފި އެވެ.

ފޯމް ހުށަހެޅުއްވުމަށްފަހު އިންތި ކުރެއްވި ޓްވީޓުގައި އެ ފޯމު ހަމަނުއްވާފައިވާއިރު، އެ ފޯމުގައި ހެކިންގެ ގޮތުގައި ސޮއި ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

Ad
rt

އިންތި ފޯމު ހުށަހެޅުއްވިއިރު އޭނާ ވަނީ އެމްޑީޕީގައި އަދާކުރަށްވަމުން ގެންދެވި އެ ޕާޓީގެ ސްޕޯކްޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެ ސިޓީގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރެއްވުމަށް އޭނާ ކުރިމަތިލައްވާފައި ވުމާއެކު، 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވައްޓާލި ބަޣާވާތުން ފެށިގެން މިއަދާއި ހަމައަށް އޭނާ ފުރުއްވަމުން ގެންދެވި އެ ޕާޓީގެ ސްޕޯކްޕާސަންގެ މަގާމުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ފުރުއްވަމުން ގެންދެވި އެމްޑީޕީގެ އެ މަގާމުގެ ފަސް އަހަރުގެ ދައުރު ފެބްރުއަރީ 12 އަށް ވަނީ ހަމަވެފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ ދައުރު ހަމަވެފައިވާއިރު، ފެބްރުއަރީ 12 ވަނަ ދުވަހު އެމްޑީޕީން ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް ފުރުޞަޠު ހުޅުވާލާފައެވެ. އެ އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ އޭޕްރީލް 16، 2022 ގައިއެވެ.

އިންތިގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަން ނިންމަވާފައި ވަނީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.