ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރާ ދައުވާއަށް އޭނާ ކޯޓުގައި އިންކާރުކޮށްފި އެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީނާއި ޔޫސުފް ނައީމަށް ރިޝްވަތުުގެ ދައުވާ ކުރަނީ ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެރަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ޔޫސުފް ނައީމްގެ ފަރާތުން ޔާމީނަށް ދިން ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔޫސުފް ނައީމްގެ ފަރާތުން ދައުވާއަށް އިންކާރުކޮށް، ބުނީ ދައުވާގައި ބުނާ މުއާމަލާތްތަކުގައި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެކަންކަން އޭނާގެ ފަރާތުން ސާބިތުކޮށް ދޭނެ ކަމަށް ވަކީލުން ބުންޏެވެ.
ދިފާއުގައި ހެކި ހުށަހަޅަން 30 ދުވަހުގެ މުއްދަތަކަށް އޭނަގެ ފަރާތުން އެދުނަސް، އިސް ގާޒީ ޝަކީލް ދެއްވީ ހަތް ދުވަހުގެ މުއްދަތެކެވެ.
ޔާމީނާ އެކު އެއް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާ އެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން އެދިވަޑައިގަތީ ޝަރީއަތް ލައިވް ނުކުރެވޭ ނަމަ، ޝަރީއަތް މަޑުޖައްސާލުމަށެވެ. ޔާމީން ވެސް އެގޮތަށް އެދިވަޑައިގަތެވެ. އެމަނިކުފާނުގެ ވަކީލުން ވިދާޅުވީ ބާރުގަދަ ފަރާތްތަކުން އެ މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާތީ ޝަރީއަތް ލައިވްކުރުން މުހިންމު ކަމަށެވެ. ގާޒީ ޝަކީލް ވިދާޅުވީ ލައިވް ނުކުރެވެނީ ވަސީލަތްތައް ނެެތުމުން ކަމަށް ވިޔަސް، އެ އިންތިޒާމްތައް އަވަހަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!