ޖައްވީ ފަތުރުވެރިކަން ފެށުމުގެ ގޮތުން ޖައްވަށްދާން ބޭނުންވާ މީހުންނަށް ޓިކެޓް ވިއްކަން ފަށައިފިއެވެ.
މި ޓިކެޓް ވިއްކަން ފަށާފައިވަނީ މި ހަފްތާއިން ފެށިގެންނެވެ. ޓިކެޓް ވިއްކަނީ ވާޖިން ގެލެކްޓިކް އިންނެވެ.
މި ދަތުރު އޮންނަ ދުވަހެއް އަދި އެ ކުންފުނިން އިއުލާނެއް ނުކުރެއެވެ. އެ ކުންފުނީގެ ފުރަތަމަ ދަތުރުގައި 1000 މީހުން ބައިވެރިވާނެ ކަމަށް ލަފާ ކޮށްފައިވާއިރު މި ދަތުރު އޮންނާނެ ކަމަށް ލަފާ ކުރަނީ އަހަރުގެ ފަހުކޮޅުގައެވެ.
މިއީ ޖައްވަށް ދާން ޓިކެޓް ވިއްކަން ފެށި ދެވަނަ ފަހަރެވެ. 2014 ވަނަ އަހަރުވެސް ޓިކެޓް ވިއްކިއެވެ. އެހެންކަމުން މިފަހަރު ޓިކެޓް ގަންނަ މީހުންނަށް ފުރަތަމަ ދަތުރުގައި ބައިވެރިވެވޭނެ ކަމަށް ލަފާ ނުކުރެވެއެވެ.
މިއަހަރު ވިއްކާ ޓިކެޓުތަކުގެ އަގުވެސް ވަނީ ބޮޑުވެފައެވެ. އެގޮތުން، 2014 ވަނަ އަހަރު ޓިކެޓުގެ އަގު 250،000 ޑޮލަރުގައި ހުރި އިރު މިހާރު ވިއްކަނީ 450،000 ޑޮލަރަށެވެ. ދެން ޓިކެޓް ވިއްކާއިރު މިއަށްވުރެ އަގުބޮޑުވާނެ ކަމަށް ބެލެވެއެވެ.
ޖައްވަށް ފަތުރުވެރިން ގޮވައިގެންދާ އުޅަނދުގެ ހާޑްވެއާ މިދިޔަ ޖުލައި މަހު ވަނީ ޓެސްޓުކޮށްފައެވެ. އެގޮތުން ވާޖިން ގަލެކްޓިކްގެ ފައުންޑާ ރިޗާޑް ބްރޭންސަން ވަނީ ޖައްވަށް ގޮސްފައެވެ.
މި ދަތުރުގެ ދިގު މިނަކީ 90 މިނެޓެވެ. މި ދަތުރުގައި ބައިވެރިވާ މީހުންނަށް ދަތުރުގެ ކުރިން ޓްރެއިން ކުރާނެއެވެ.
މި ދަތުރުގެ ބައިވެރިންނަށް ދުނިޔެ ދުރުން ބަލައިލެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!