ރިސޯޓެއްގެ ކޮޓަރިއެއްގައި ތިން މީހަކު ބައިވެރިވެގެން ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައެއްގައި 15 އަހަރަށް ޖަލަށްލި މީހާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ފެބްރުއަރީ، 2015 ގައި ޖުމެއިރާގެ ރިސޯޓެއްގައި ދެކުނު ކޮރެއާގެ އަންހެނަކު ނިދާފައި އޮއްވާ އޭނާ ރޭޕްކުރި މައްސަލައެއްގައި ދައުވާލިބުނު ތިން މީހުންގެ ތެރެއިން ހައި ކޯޓުގައި މިދިޔަ އަހަރު ކުށް ސާބިތުވީ ނ. މަނަދޫ ދިލްބަހާރުގޭ، މުހައްމަދު ނިޔާޒްގެ މައްޗަށެވެ.

Ad
rt

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އަންހެން މީހާގެ ކުރިމަތި ފަރާތުން ނިޔާޒްގެ ކުރިމަތި ފަރާތުގެ ޑީއެންއޭ ފެނިފައިވާއިރު އެތަނުން ޑީއެންއޭ ފެންނަން ޖެހުނު ސަބަބެއް އޭނާއަށް ނުދެއްކޭ ކަމަށެވެ. އަދި ހާދިސާ ހިނގި ކޮޓަރިން ފެނުނު އެހެން ހެކިތަކާއި އަނިޔާ ލިބުނު އަންހެން މީހާގެ ވާހަކަތައް ގުޅުވައިލެވޭ ކަމަށް ބުނެ ގިނަ ހެކިތަކެއް ސުޕްރީމް ކޯޓުން ދެއްކި އެވެ.

އެ މީހުން އެ އަމަލު ހިންގުމަށްފަހު ކޮޓަރީގެ ތަޅުންގަނޑު މައްޗަށް ފެން އެޅި ކަމަށް ބުނާއިރު، އެ ކޮޓަރީގައި ހުރި ފެން ތަށްޓަކުން އެ މައްސަލާގައި ދައުވާލިބުނު އެހެން މީހެއްގެ އިނގިލީގެ ނިޝާން ފެނުނެވެ. އަދި އެތަނުން ފެނުނު ބާލީސް އުރަކުން ވެސް އޭގެ ތެރެއިން ބައެއް މީހުންގެ ޑީއެންއޭ ފެނިފައިވާތީ އަންހެން މީހާގެ ބަހަށް ބުރަދަން ދެވޭ ކަމަށާއި އެއީ ނިޔާޒާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ހުކުމުގައިވަނީ އިސްލާމީ ޝަރީއަތުގައި ރޭޕްގެ އަނިޔާލިބޭ މީހުންގެ ބަހަށް ވަރަށް ބޮޑު ބުރަދަނެއް ދޭ ކަމަށެވެ. ކީރިތި ރަސޫލާގެ ޒަމާނާއި އުމަރުގެފާނުގެ ޒަމާނުގައި އެބޭކަލުން އަމަލު ކުރެއްވި ބައެއް ހާދިސާތަކަށް ހަވާލާދީ، ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އިސްލާމީ ޝަރީއަތުގައި ވެސް އެއީ ވަރަށް ބޮޑަށް ރިއާޔަތްކުރާ އަދި ހަރުދަނާ ހެއްކެއް ކަމަށެވެ. އަދި ޑީއެންއޭއަށް އެކަނި ބިނާކޮށްގެން ކުށް ސާބިތު ނުވިޔަސް، ޑީއެންއޭއާ ގުޅުވާލެވޭ ހެކި ހުންނަންޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.