ވަކި މީހަކު ގުޅައިގެން ނޫނީ މެސެޖު ކޮށްގެން ސަރުކާރުން ލޯނެއް ނުދޭނެ ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

މެމްބަރު ޝާހިދު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވާފައިވާ ކުދި އަދި މެދު ފަންތީގެ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އެ ބިލަށް ތާއީދު ކުރަށްވާ ވާހަކަ ދައްކަމުން ޝާހިދު ވިދާޅުވީ، ކޮންމެ ގައުމެއްގެ ވެސް އިގްތިޞާދީ ވިންދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށެވެ. އަދި ޒަމާނުއްސުރެ ރާއްޖޭގައި މިހާތަނަށް އައި އިރު ދައުލަތުން އަދި އެއްވެސް ސަރުކާރަކުން ވެސް އަޅާނުލާ މިންވަރަށް މި ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަވަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ ކޯވިޑްގެ ބޮޑު ބަލިމަޑު ކަމުގެ ތެރޭގައި ވެސް ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކޮޅަށް ޖަހައި، އެ ވިޔަފާރިތަކަށް ހަމަނޭވާ ލެވުނީ ސަރުކާރުން ދެއްވި އެހީތެރިކަމުގެ ތެރެއިން ކަމަށެވެ. އަދި ރައްޔިތުންނަށް ގޭގޭގައި ކައިބޮއި އުޅުމުގެ ފުރުސަތު ލިބުނީ މި ސަރުކާރުން އެ ވިޔަފާރިތަކަށް ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް ބައިވަރު ޝަކުވާ ލިބެމުންދާ ކަަމަށް ފާހަގަކުރައްވަމުން ޝާހިދު ވަނީ އަމިއްލަ ތަޖުރިބާގެ އަލިން މިސާލެއް ގެންނަވާފައެވެ. އޭނާ ވިދާޅުވީ ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގިންތީގައި ހިމެނޭ މީހަކު، އެމީހާ ހޯދަން އެދިފައިވާ ލޯނެއް ހަމަނުޖެހިގެން އޭނާއަށް ގުޅިކަމަށެވެ. އަދި ލޯނެއް ހަމައެއް ނުޖެހުނޭ، ޚަބަރެއް ވެސް ނުވިއޭ އެމީހާ ބުނިކަމަށެވެ.

"ދެން އެކަމާ އަޅުގަނޑު މިނިސްޓަރަށް ގުޅާލިން ގުޅާލީމަ ބުނީ ދެން ތިގުޅީ ގުޅާލީމަ ލޯނު ލިބޭނެ ކަމަށްހޭ، ނުލިބޭނޭ އެހެއްނެއް" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވަކި މީހަކު ގުޅައިގެން ވަކި މީހެއް މެސެޖު ކޮށްގެން ސަރުކާރުން ލޯނެއް ނުދޭނެ ކަމަށެވެ. އަދި އެ ގޮތަށް ލޯނު ދޫކުރާ ވާހައަކީ މުޅިން ދޮގެއް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ލޯނަށް އެދި ހުށަހަޅާ ބައެއް ޕްރޮޕޯސަލް ހުންނަ ގޮތުން، އެ ޕްރޮޕޯސަލެއް ފީސިބަލް ނުވުމުން ލޯނު ހަމަނުޖެހިދާ ކަމަށެވެ. އޭނާ ބެއްލެވިއިރު އޭނާއަށް ދިމާވި ހާދިސާގައި ލޯނު ހޯދަން އުޅުނު ދާއިރާގެ ވިޔަފާރި ވެރިޔާއަށް ވެސް ލޯނު ހަމަނުޖެހިއޮތީ ޕްރޮޕޯސަލެއް ފީސިބަލް ނުވުމުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެވާހަކަ ހިއްސާކުރެއްވީ އޭނާގެ ތަޖުރިބާގެ އަލީގައި ކަމަށާއި، ވަކި މީހަކު ގުޅައިގެން ނޫނީ މެސެޖެއް ކޮށްގެން ސަރުކާރުން ލޯނު ދޭ ވާހަކައަކީ ރޯ ބުހުތާނު ދޮގު ކަމަށެވެ.