ދޮޅު މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސް ދަޅު ކޭސްތަކެއް ކްރެޑިޓަށް ދޫކުރި ކަމަށް ބުނެ ފެލިވަރު ފިޝަރީޒްގެ ކުރީގެ ޗެއާމަން މުހައްމަދު އިމްތިޔާޒްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ފެލިވަރުގެ ޗެއާމަނަކަށް 2012 ވަނަ އަހަރު ހުންނެވި އިމްތިޔާޒްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދިކަމުގެ ދައުލަތުން ކުރީ އޭނާގެ ނަމުގައި އޮތް ވިޔަފާރިއަކަށް 1.5 މިލިއަން ރުފިޔާގެ 2،000 ކޭސް މަސް ދަޅު ފެލިވަރުން ކްރެޑިޓަށް ދޫކުރި ކަމަށް ބުނެ އެވެ.

Ad
rt

ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ އިމްތިޔާޒްގެ ނަމުގައި އޮތް ވިޔަފާރީގެ ރަޖިސްޓްރީ 2008 ވަނަ އަހަރު ބާތިލް ކޮށްފައިވާ ކަމަށާއި އޭގެފަހުން އެ ކުންފުނީގެ ނަމުގައި ފެލިވަރާ އެކު 2012 ވަނަ އަހަރު ކުރި މުއާމަލާތްތަކުގައި އޭނާގެ ދައުރެއް އޮތްކަމުގެ ހެއްކެއް ނެތް ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކިންގެ ބަހުން ވެސް، އެ މުއާމަލާތުގައި އިމްތިޔާޒްގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެފައިވާ ކަމަށާއި އަދި އޭނާއަށް އެކަމުން ލިބުނު ފައިދާއެއް ވެސް ފެންނަން ނެތްކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ފެންމަތިވުމުން 2012 ވަނަ އަހަރު އޭނާ ވަނީ ޗެއާމަންގެ މަގާމުން ވަކިކޮށްފަ އެވެ. ފެލިވަރު މިހާރު ހިންގަނީ މިފްކޯގެ ދަށުންނެވެ.