ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާއާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އެސްޕަންޔޯލްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ބާސާއިންނެވެ. ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓުގައި ޖޯޑީ އަލަބާ އެސްޕަންޔޯލްގެ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ބާސާގެ ޒުވާން މިޑްފީލްޑަރ ޕެޑްރީއެވެ.

Ad
rt

ފުރަތަމަ ހާފު ނިމުމުގެ ކުރިން އެސްޕަންޔޯލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 40 ވަނަ މިނެޓުގައި ރައުލް ޑި ތޯމަސް ދިން ބޯޅައަކުން ކާމިޔާބު ކޮށްދީފައި ވަނީ ސާޖީ ޑާޑާއެވެ. ޑާޑާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ބާސާގެ އޭރިއާގެ ބޭރުގައި ހުރެ ގޯލުގެ މަތީކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އެސްޕަންޔޯލުން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލާފައެވެ. މި ލަނޑު 64 ވަނަ މިނެޓުގައި ޑާޑާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރައުލް ޑި ތޯމަސްއެވެ.

އެސްޕަންޔޯލް ކުރީގައި އޮވެގެން މެޗު ނިމެންދަނިކޮށް ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ މަޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޓްރައޯރޭ ނަގައިދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލުކް ޑި ޔޯންއެވެ.

މި މެޗުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ޖެރާޑް ޕީކޭ އާއި އެސްޕަންޔޯލްގެ ނިކޯ މެލަމެޑް އާއި މާނޫ މޮލާނޭސް އަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު ބާސާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައެވެ. އެ ޓީމަށް 23 މެޗުން ލިބިފައި ވަނީ 39 ޕޮއިންޓެވެ. މި އަދަދަށް މެޗުކުޅެ މި އަދަދަށް ޕޮއިންޓް ހޯދައިގެން ފަސް ވަނާގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. އެސްޕަންޔޯލް މިވަގު އޮތީ ޕޮއިންޓް ތާވަލުގެ 13 ވަނާގައެވެ. އެ ޓީމަށް 24 މެޗުން ލިބިފައި ވަނީ 28 ޕޮއިންޓެވެ. މިވަގުތު ލަލީގާގެ ތާވަލުގެ އެއްވަނާގައި އޮތީ ރެއާލް މެޑްރިޑެވެ.