ތިމާ ދިރިއުޅޭ ރަށް ކުރިމަތީ އޮންނަ ރަށުގައި ރިސޯޓެއް ތަރައްގީކުރަން ދޫކޮށް، އެރަށުގައި ރިސޯޓު ތަރައްގީ ނުކުރެވި އޮންނަ އޮތުމަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް މާޔޫސްކަން ލިބޭ ކަމެއް ކަމަށާއި، ޓޫރިޒަމް މިނިސްޓްރީއަށް ވެސް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެއީ ކަމަށް މިނިސްޓަރު އޮފް ޓޫރިޒަމް ޢަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ޒާހިރު ވަނީ ހުވަދޫ އަތޮޅު ގައްދޫ ކައިރީ ރިސޯޓު ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ލޮނުދޫ ހުއްޓާ ގެ މަސައްކަތް ކުރިއަށް ނުގޮސް އޮންނާތީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އެ ރަށަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށްފަހު އޮތީ ހަލާކުވެ، ވީރާނާވެފައި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެރަށަށް ވަނީ ކިހިނެއްތޯ، އެކަމުގެ އަޕްޑޭޓަކީ ކޮބާތޯ މެންބަރު ޒާހިރު ސުވާލު ކުރެއްވިއެވެ.
މެންބަރު ޒާހިރުގެ އިތުރުން ވެސް ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ސުވާލު ކުރެއްވި ގިނަ މެންބަރުން ފާޅުކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ ރިސޯޓު ހަދަން ދޫކޮށްފައި ހުންނަ ރަށްތައް ނުހެދި އެތައް އަހަރެއްވެފައި ހުންނަ މައްސަލައެވެ.
ޒާހިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްތަކުގެ މަސައްކަތް ހިނގާތޯ ނޫންތޯބަލައި، މަސައްކަތް ހިނގާ މިންވަރު ވަޒަން ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ދަނީ ދަތުރުތައް ކުރަމުން ކަމަށެވެ. އަދި މެންބަރު ޒާހިރު ފާހަގަ ކުރެއްވީ މުޅި ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމުގެ ވާހަކަ ކަމަށް ވެސް ވިދާޅުވިއެވެ.
"ތިމާއުޅޭ ރަށް ކުރިމަތީ އޮންނަ ރަށް ނުހެދި އޮންނަ އޮތުން އެއީ ވަރަށް ބޮޑަށް ރައްޔިތުންނަށް މާޔޫސްކަން ލިބޭ ކަމެއް، ޓޫރިޒަމް މިނިސްޓްރީއަށް ވެސް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެއީ، ކުރިމަތީ އޮންނަ ރަށް ނުހެދި އޮންނަ އޮތުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ، މިވަގުތު ރާއްޖޭގައި ކަންތައްތައް ޕްރެކްޓިސް ކުރެވެމުން އަންނަ ގޮތުން މިހާތަނަށް ނުހެދި ހުރި ރަށްރަށް ނުހެދި އޮތުމުގެ ޒިންމާ ވެސް އެންމެފަހުން ނަގަންޖެހެނީ ސަރުކާރަށް ކަމަށެވެ. އެހެންކަމުން އެކަންތައް ބަދަލުކުރުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު މި ޢިއްޒަތްތެރި މަޖިލީހުގައި ވާހަކަ ދައްކަމުން ކުރިން ފަހަރަކު ބުނެފައި އޮންނާނެ ނުހެދި ހުރި ހުރިހާ ރަށެއް އެގްރީމެންޓް ކުރާ ވާހަކަ، ސީދާ ތިން އަހަރުން ހަދާ ނުނިންމައިފިނަމަ އޮޓޮމެޓިކުން އެގްރީމެންޓް ބާތިލްވާގޮތަށް ލިޔެވި އެ ގޮތަށް އެވެރިން އެއްބަސްވެ އެގްރިމެންޓް ކުރެވެގެންދާވާހަކަ، އަދި އަޅުގަނޑުމެން ކޮންމެހެން ތިން އަހަރުވަންދެން މަޑު ނުކުރާނެ ވާހަކަ" މިނިސްޓަރު ވިދާޅުވިއެވެ.
އާންމުކޮށް ރާއްޖޭގެ ރިސޯޓެއް ހެދޭކަމަށް ބެލެވެނީ އެންމެ ބާރު ސްޕީޑްގައި ވެސް ދޮޅު އަހަރުން ކަމަށާއި، އެހެންކަމުން ދޮޅު އަހަރުން ހަދަން ނުފެށުނު ރިސޯޓެއް އަނެއް ދޮޅު އަހަރުން ނިންމޭނެ ކަމަކަށް ނުބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންވެ މި ދެންނެވި އެގްރިމެންޓްގައި ސޮއިކުރުމަށްފަހު ދޮޅު އަހަރުވާއިރު ސީދާ ޕްރޮޖެޓް ފުލްކޮށް މޮބިލައިޒް ނުކުރަންޏާ އަޅުގަނޑުމެން ބަލަނީ އެ ރިސޯޓެއް ތިން އަހަރުގެ ތެރޭގައި ނުނިންމޭނެ ކަމަށް، އެހެންވީމަ ޓޫރިޒަމް މިނިސްޓްރީއަށް އެ ރިސޯޓެއް ބާތިލުކުރުމުގެ ރައިޓްސް އެބައޮތް، އެ ގޮތުން 75 ރިސޯޓަކާއެކު ސޮއި ޖެހިފައިވޭ" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި އެބަދަލާއެކު އެ 75 ރަށް އޮންނަންވާނީ 3 އަހަރު ފަހުން ހުޅުވިފައި ކަމަށެވެ. އެހެން އެކަން ނުހިނގާކަމަށްވަންޏާ އޮޓޮމެޓިކުން އެރަށްތަކުގެ އެއްބަސްވުން ބާތިލުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!