އިނގިރޭސި ޕްރިމިއާ ލީގުގެ ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗަށް ސިޓީން ނުކުމެފައި ވަނީ އެ ޓީމްގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ހިމެނޭ ބައެއް ކުޅުންތެރިން ބެންޗްގައި ބައިތިއްބައިގެންނެވެ. މިގޮތުން ސިޓީގެ ޑިފެންޑަރ ސްޓޯންސް، އެ ޓީމްގެ ޕްލޭމޭކަރ ޑިބްރޭނާގެ އިތުރުން ރޮޑްރީ ފުރަތަމަ އެގާރާގައި ހިމަނާފައި ނުވެއެވެ.
މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ސިޓީން އެ ޓީމްގެ މޮޅު ކުޅުން މި މެޗުގައި ވެސް ވަނީ ތަކުރާރު ކޮށްފައެވެ. މެޗުގެ ފުރަތަމަ ހަމަލާ އުފައްދާފައި ވަނީ ސިޓީންނެވެ. އެ ޓީމްގެ ބާނާޑޯ ސިލްވަ ބޯޅަ ހިފައިގެން ނޯވިޗްގެ އޭރިއާތެރެއަށް ވަދެ ދުރު ކަނަށް ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ގޯލުގެ ދަނޑިއަށެވެ.
ސިޓީން މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު 31 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރަހީމް ސްޓާލިންއެވެ. ސިޓީގެ ޑިފެންޑަރ ވޯލްކާ ނޯވިޗްގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ސްޓާލިންއަށް ލިބުމާއިއެކު އޭނާ ވަނީ އެ ގޯލުގެ މަތީކަނަށް ފޮނުވާލާފައެވެ.
މެޗުގެ ދެވަނަ ހާފުގައި ސިޓީން ވަނީ ތިން ލަނޑު ކާމިޔާބު ކޮށްފައެވެ. ސިޓީގެ ދެވަނަ ލަނޑު 48 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ފިލް ފޮޑެންއެވެ. ތިންވަނަ ލަނޑު 70 ވަނަ މިނެޓުގައި ސިޓީގެ ޑިފެންޑަރ ޑިއާޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ސްޓާލިން ކާމިޔާބު ކޮށްދިންއިރު ހަތަރުވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ސްޓާލިންއެވެ. ސްޓާލިން ފޮނުވާލި ޕެނަލްޓީ ނޯވިޗްގެ ކީޕަރު މަތަކުރި ނަމަވެސް ރިބައުންސް ބޯޅަ ސްޓާލިން ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާއި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
މި ނަތީޖާއާއިއެކު ސިޓީއަށް ވަނީ ކުޅުނު 25 މެޗުން 63 ޕޮއިންޓް ލިބިފައެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތީ ލިވަޕޫލެވެ. އެ ޓީމަށް 23 މެޗުން ލިބިފައި ވަނީ 51 ޕޮއިންޓެވެ. އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލާއި ބާންލީ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ސިޓީއާއި ދެމެދު އޮތް ފަރަގު ކުޑަކުރުމުގެ ފުރުޞަތު ލިވަޕޫލަށް އެބައޮތެވެ. ސިޓީއަތުން ބަލިވި ނޯވިޗް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 18 ވަނާގައެވެ. އެ ޓީމަށް 24 މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!