އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާ ސައުތެމްޓަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުން އެއްވަރު ވުމާއިއެކު ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެ ޓީމަށް މޮޅެއް ހޯދިފައި ނުވެއެވެ. ޗެމްޕިއަންޝިޕްގެ ޓީމެއް ކަމަށް ވާ މިޑްލްސްބަރާ އަތުން ބަލިވެ އެފްއޭކަޕުން ކެޓިއިރު ޕްރިމިއާ ލީގުގައި ނިމިދިޔަ ހަފްތާގައި ބާންލީއާއި ބައްދަލުކުރި މެޗު ވެސް ނިމިގެން ގޮސްފައި ވަނީ އެއްވަރު ވެގެންނެވެ.
އެންމެ ފަހުން ކުޅުނު މެޗުތަކުގައި ޔުނައިޓެޑަށް ލަނޑު ޖެހުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާއިރު، އެ ޓީމްގެ ކޯޗު ވެސް ވަނީ ޔުނައިޓެޑަށް ރަނގަޅު މޮޅު ފޯވާޑެއް ބޭނުންވާކަން ހާމަކޮށްފައެވެ.
މި މެޗުން އެއްވަރުވުމާއިއެކު ޔުނައިޓެޑުން ގަދަ ހަތަރަކަށް ވަނުމަށް ކުރަމުން އަންނަ މަސައްކަތަށް ވެސް ވަނީ ހުރަސްތަކާއި ކުރިމަތިވެފައެވެ. މިވަގުތު ޔުނައިޓެޑް އޮތީ ކުޅުނު 24 މެޗުން ލިބުނު 40 ޕޮއިންޓާއިއެކު ތާވަލުގެ ފަސް ވަނާގައެވެ. ޔުނައިޓެޑްގެ ފަހަތުގައި ހަވަނާގައި އޮތް އާސެނަލް މިވަގުތު ކުޅެފައިވަނީ 22 މެޗެވެ. ނަމަވެސް އާސެނަލްއާއި ޔުނައިޓެޑާއި ދެމެދު އޮތީ އެއް ޕޮއިންޓްގެ ފަރަގަކަށް ވުމުން މެޗު ހަމަވާއިރު ތާވަލުގެ ކުރިއަށް ޖެހިލުމުގެ ފުރުޞަތު އާސެނަލަށް އެބައޮތެވެ. ހަމަ މިގޮތުން ތާވަލުގެ ހަތްވަނާގައި ޓޮޓެންހަމް ވެސް އޮތީ ޔުނައިޓެޑަށް ވުރެ ތިން މެޗު މަދުންކުޅެ ލިބުނު 36 ޕޮއިންޓާއިއެކުއެވެ. ވުމާއެކު ތާވަލުގެ ފަހަތަށް ޔުނައިޓެޑް ވެއްޓުމުގެ ބިރު އެބައޮތެވެ.
މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ކުޅެފައެވެ. މި މެޗުގައި އޭނާގެ ފަރާތުން ވެސް ފެނިފައި ވަނީ އާދައިގެ ކުޅުމެކެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ޔުނައިޓެޑުންނެވެ. މި ލަނޑު 21 ވަނަ މިނެޓުގައި ރަޝްފޯޑް ތަނަވަސް ކޮސްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޖޯޑަން ސަންޝޯއެވެ.
ދެވަނަ ހާފަށް ނުކުތްއިރު ޔުނައިޓެޑް ލީޑުގައި އޮތް ނަމަވެސް ދެވަނަ ހާފު ފެށިތާ ތިން މިނެޓުގެ ތެރޭގައި ސައުތެމްޓަންގެ ފޯވާޑް ޗެ އެޑަމްސް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑާއިއެކު ޔުނައިޓެޑުން ޓީމް ކުރިއަށް ޖައްސައި މޮޅުވާން މަސައްކަތް ކުރި ނަމަވެސް ސައުތެމްޓަންއިން ވަނީ ޔުނައިޓެޑް މޮޅުވިޔަ ނުދީ ހިފަހައްޓާފައެވެ.
ހޮނިހިރު ދުވަހުގެ ރޭ ޕްރިމިއާ ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު، ބްރެންޓްފޯޑާއި ކްރިސްޓަލް ޕަލަސް ބައްދަލުކުރި މެޗު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑު ނުޖެހި ވަނީ އެއްވަރު ވެފައެވެ. އެވަޓަންއިން ވަނީ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ލީޑްސް ޔުނައިޓެޑް ބަލިކޮށްފައެވެ. ވޮޓަފޯޑްއާއި ބްރައިޓަން ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ބްރައިޓަންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!