ރިސޯޓު ތަރައްގީކުރަން ދޫކުރާ ރަށްތައް ގަންނަން މާލީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް ސަރުކާރުން ހަދައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ފަތުރުވެރިކަން ތަރައްގީކުރުމަށް ދޫކުރާ ރަށްތަކާއި ބިމުގެ ތެރެއިން ތިން ވަނަ މަރުހަލާގެ ދަށުން ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ހުޅުވާލި ބީލަމުގެ ބީލަން ފޮތުގައި ބިޑާއެކު ހުށަހަޅަންޖެހޭ "ރިސޯޓު ގަންނަ ކުންފުނިތައް ނުވަތަ ޕާޓްނާޝިޕްތަކުގެ އޮޑިޓްކޮށްފައިވާ ދެ އަހަރުގެ މާލީ ބަޔާން" ހުށަހަޅަން ނުޖެހޭ ގޮތަށް ހަދާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ އިންވެސްޓަރުންނަށް ޑޮކިއުމެންޓޭޝަން ކަންތައްތައް ފަސޭހަކޮށްދިނުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

Ad
rt

މާލީ ބަޔާން ހުށަހަޅަން ނުޖެހުނު ނަމަވެސް ބިޑް ހުށަހަޅާ ފަރާތުން މަޝްރޫއު ކުރިއަށް ގެންދިއުމުގެ މާލީ ތަނަވަސްކަން ހުރިކަން ބިޑާއެކު ހުށަހަޅާ "ޕްރޫފް އޮފް ފަންޑްސް" އިން ކަށަވަރުވާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

"ޕްރޫފް އޮފް ފަންޑްސް"ގެ ގޮތުގައި ހުށަހަޅަން ޖެހޭނީ އެ ކުންފުންޏެއްގެ އިކުއިޓީގެ 20 އިންސައްތަ ހުރިކަން ދައްކުވައިދޭ ބޭންކް ސްޓޭޓްމެންޓެއް ނުވަތަ ބޭންކް ގެރެންޓީއެކެވެ.

ދިހަ އަތޮޅަކުން 18 ރަށެއްގައި ރިސޯޓު ހަދަން ބީލަން ހުށަހެޅުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާފައިވަނީ ދުބާއީ އެކްސްޕޯގެ ތެރެއިން ރާއްޖޭން ބޭއްވި އިންވެސްޓްމެންޓް ފޯރަމުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އެ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ފުރަތަމަ ހުޅުވަލީ މިމަހުގެ ނިޔަލަށެވެ. ނަމަވެސް މިނިސްޓްރީން ވަނީ ބީލަން ހުށަހެޅުމުގެ މުއްދަތު އަންނަ މާޗު މަހުގެ 23 ވަނަ ދުވަހަށް އިތުރުކޮށްފައެވެ.