މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް)ގެ މަޤާމްތަކަށް މެމްބަރުން އިންތިޚާބް ކުރުމަށް ބާއްވާ އިންތިޚާބް 18 ފެބްރުއަރީ 2022 ވާ ހުކުރު ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައި، ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޑީޕީން ރޭ އާންމު ކުރި ޢިއުލާނެއްގައި ބުނީ، 2022 ވަނަހައަރަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ މަޤާމްތަކަށް މެމްބަރުން އިންތިޚާބް ކުރުމަށް ބާއްވާ އިންތިޚާބް 18 ފެބްރުއަރީ 2022 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މި އިންތިޚާބް ގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ ޕީޖީ ގްރޫޕް މެމްބަރުން 17 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން elections@mdp.org.mv އަށް ކުރިމަތި ލުމަށް އެދޭ ލިއުމާއެކު އައި.ޑީ ކާޑް ކޮޕީ އީމެއިލް ކުރުމަށް އެމްޑީޕީން ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި އިންތިޚާބްގައި ވޯޓްލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ، 18 ފެބްރުއަރީ 2022 ދުވަހު ހަވީރު 15:00 ން ހަވީރު 1800 އަށް އެމް.ޑީ.ޕީ އޮފީހުގެ ފުރަތަމަ ފަންގިފިލާގައެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްއަށް މެންބަރުން އިންތިޚާބު ކުރާ މަޤާމްތައް
- ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު
- ޕާލިމެންޓަރީ ގްރޫޕްގެ ޑިޕިއުޓީ ލީޑަރުން (2 އެއް)
- އަމީން އާއްމު
- އަމީން އާއްމުގެ ނާއިބު
- ޗީފް ވިޕް
- ވިޕުން (6 އެއް)
އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބު އަންނަ އޭޕްރިލް 16 ގައި އަދި ކޮންގްރެސް އަންނަ އޯގަސްޓް 4 ގައި ބާއްވަން ފާސްކޮށްފައެވެ. އަދި އޭޕްރިލް 16 ގައި އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބާއްވަން ވަނީ ނިންމާފައެވެ.
އެމްޑީޕީގެ މިހާރުގެ ޕީޖީ ލީޑަރަކީ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!