ރާއްޖޭގެ ރައްޔިތުންކުރެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ 30 އިންސައްތައަކީ މެޖޯރިޓީއެއްނޫން ކަމަށާއި، ވެރިކަމުގައި ހުންނަންވާނީ 70 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނާ މީހެއް ނޫންކަމަށް ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް އިބްރާހީމް ދީދީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ގޮތްހެދުމަށްޓަކައި، އެމްޑީޕީގެ ހާއްސަ ކޮންގްރެސްއެއް ބާއްވަން ހުށަހަޅަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައި، އެ މައްސަލަ ރޭ ވަނީ އެ ޕާޓީގެ ޤައުމީ މަޖިލީހުގައި ހިންގަވާފައެވެ.
އެމްޑީޕީން މާލޭ އިސްކަންދަރު ސްކޫލްގައި ރޭ ބޭއްވި ޤައުމީ މަޖިލީހުން ވަނީ އެޕާޓީ ކޮންގްރެސް އަންނަ އޯގަސްޓް މަހުގެ 4 ވަނަ ދުވަހު ބާއްވަން ނިންމާފައެވެ. މި ކޮންގްރެސްގައި ނަޝީދު ހުށަހެޅުއްވި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާ މެދު ގޮތެއް ނިންމުން އޮންނާނެއެވެ.
މިގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓްގެ 30 އިންސައްތަ އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެންޑިޑޭޓެއްނަމަ، އެ ކެންޑިޑޭޓްއަކީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމަށް ކޮންގްރެސްއިން ނިންމުމަށް މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ.
އެ ހުށަހެޅުމަށް އިޝާރާތްކުރައްވައި، ދީދީ ވިދާޅުވީ ޤާނޫނުއަސާސީގައި އޮތީ ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށެވެ. އަދި ދެމި އޮންނާނީ ވެސް އެ ގޮތުގައި ކަމަށެވެ.
"30 ޕަސެންޓް އެއީ ރައްޔިތުންގެ މެޖޯރިޓީއެއްނޫން، 70 ޕަސެންޓް ނޫނެކޭ ބުނާމީހެއް ނޫން ވެރިކަމުގައި ހުންނަންވާނީ" ދީދީ ވިދާޅުވިއެވެ.
ދީދީ މިހެން ވިދާޅުވިއިރު މި އިސްލާޙް ހިމެނޭހެން ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އޭގެ ސަބަބުތައް ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ހިއްސާކުރައްވާފަ އެވެ. އަދި އެމްޑީޕީ ވެރިކަން އޮތުމަށް އެދޭ ރައްޔިތުންނަށްޓަކައި ގާނޫނުއަސާސީއަށް މުހިންމު ބަދަލުތައް ގެންނަން ކޮންމެހެން ވެސް ޖެހޭ ކަމަށާއި އެކަމަށް ތާއިދުކޮށް ދިނުމަށް އެދޭ ކަމަށް ނަޝީދު ރޭ ވިދާޅުވިއެވެ.
މިހާރު ގާނޫނުއަސާސީގައި އޮންނަ ގޮތުން ވޯޓުގެ 51 ޕަސެންޓް ހޯދައިގެން މެނުވީ ރާއްޖޭގެ ރައީސް ކަމަށް އިންތިހާބެއް ނުވެވޭނެ އެވެ. އެހެންވެ އެމްޑީޕީ ވެރިކަމުގައި ދެމިއޮތުމަށްޓަކައި މުހިންމު އިސްލާހެއް ގޮތުގައި ރިޔާސީ އިންތިހާބުގައި 30 އިންސައްތައަށްވުރެ މަތިން އެންމެ ގިނައިން ވޯޓު ލިބޭ ކެންޑިޑޭޓް އިންތިހާބުން ކާމިޔާބުވީ ކަމުގައި ގާނޫނުއަސާސީގައި ލިޔުމަށް އެ މަނިކުފާނު ވަނީ ހުށަހަޅުއްވާފައެވެ،
ނަޝީދު ރޭ ވިދާޅުވި ގޮތުގައި, އެކަމަށް ބަދަލު ގެނައުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ބޭނުންތެރިކަމެއްގެ ގޮތުގައި އެންމެން ވެސް އިއްތިފާގުވާނެ އެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން ހަރު އަޑުން އެމްޑީޕީގެ ވެރިކަމެއް މި ރާއްޖޭގައި އަބަދުމެ އޮތުމަށް ކުރިއަށް އޮތް ފަސް އަހަރަށް އަދި އިތުރު ފަސް އަހަރަށް ވެސް އޮތުމަށް އެ ގޮވަމުންދާ ގޮވުން ކަނުލާ އަޑުއަހަން ޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ.
އިތުރު ބަދަލުތަކެއް ވެސް ޤާނޫނުއަސާސީއަށް ގެނައުމަށް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ. އޭގެތެރޭގައި ހާއްސަ ގޮތެއްގައި ޖުޑިޝިއަލް ސާވިސަސް ކޮމިޝަން އެކުލެވިގެންވާ ގޮތަށް ގެނަން ޖެހޭ އިސްލާހުތަކާއެކު، މިނިވަން މުއައްސަސާތަކުގެ އަދަދާ އެކުލެވިގެން ވާގޮތަށް ގެންނާން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެމަށް ނިންމާ ނިންމާއި، ގާނޫންއަސާސީގައި ކަނޑައަޅާނެ ލާކާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުމާއި، އަދި ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އަދި އެފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީހެއް، އަދި ނެގޭ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އާއި އެއްގޮތައް ގާނޫނުއަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުން ހިމެނެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓްގެ 30 އިންސައްތަ އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެންޑިޑޭޓެއްނަމަ، އެ ކެންޑިޑޭޓްއަކީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމަށް ކޮންގްރެސްއިން ނިންމުމަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި މިގޮތަށް ކަނޑައެޅުމުގައި، އެއްވެސް ކެންޑިޑޭޓްއަކަށް 30 އިންސައްތައިގެ މިންވަރަށް ވޯޓް ނުލިބިއްޖެނަމަ، އެންމެ ގިނަ ވޯޓް ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަށް ވޯޓް ނަގާ އެންމެ ގިނަ ވޯޓް ހޯދި ކެންޑިޑޭޓް އެއީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައިވެސް ގާނޫނުއަސާސީގައި ކަންޑައެޅުމަށް ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!