ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބު އަންނަ އޭޕްރިލްގައި ބާއްވާށާއި، އެ ޕާޓީގެ ކޮންގްރެސް އަންނަ އޮގަސްޓުގައި ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިއްތިފާގުން މިރޭ ފާސްކޮށްފި އެވެ.

އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކުރީ، ޗެއާޕާސަންގެ އިންތިހާބު އޭޕްރިލް 16 ގައި ބާއްވާށެވެ. އަދި ކޮންގްރެސް އޮގަސްޓް 4 ގައި ބާއްވާށެވެ.

Ad
rt

މީގެއިތުރުން އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބާއްވަން ވެސް ނިންމި އެވެ. އެ އިންތިޚާބުތައް ވެސް އޮންނާނީ އޭޕްރިލް 16 ގައެވެ.

އެ އިންތިހާބަށް ހުޅުވާލަން ނިންމާފައި ވަނީ އަންނަ އަންގާރަ ދުވަހުއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ މަގާމުތަކުގެ ތެރެއިން ޕާލިމަންޓަރީ ގުރޫޕްގެ މަގާމުތައް ފިޔަވާ އެހެން މަގާމުތަކުގެ މުއްދަތަކީ މީލާދީ ގޮތުން ފަސް އަހަރު ކަމަށް ކަނޑައެޅުމާއި އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ ހުރިހާ މަގާމެއްވެސް ހިނގަމުންދާ މުއްދަތު ހަމަވުމުގެ ކުރީން އާ އިންތިހާބެއް ބާއްވާ ދާއިމީ ނަތީޖާ އިއުލާނު ކުރަން ޖެހޭނެ ކަމަށް ބުނާ އިސްލާހުތައް ވެސް މިރޭގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

މީގެއިތުރުން އެއްވެސް ސަބަބަކާއި ގުޅިގެން މަގާމެއް ހުސްވެއްޖެނަމަ އެ މަގާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އިންތިހާބަށް އިއުލާނު ކުރަން ޖެހޭނެ ކަމަށް ބުނާ އިސްލާހެއް ވެސް ފާސްކުރިއެވެ.

އެމްޑީޕީން އޯގަސްޓް 4 ގައި ބާއްވާ ކޮންގްރެސްގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާ މެދު ގޮތެއް ނިންމުން އޮންނާނެއެވެ.