ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ހާއްސަ އެވޯޑްތަކެއް މި އަހަރުން ފެށިގެން ދޭން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކަންކަން ފަހިކޮށް ދިނުމާ ގުޅޭ ހަތަރު އެވޯޑަކާއި ދިވެހި ފަންނާނުން ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ތިން އެވޯޑަކާއި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ އެވޯޑެއް ދޭނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ އަށް މީހުން ބިނާކުރަން ބާރު އެޅުމަށް ދޭ އެވޯޑަކާއި އަންހެނުންނަށް ވަޒީފާ ފަހިކޮށްދޭން މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެވޯޑެއްގެ އިތުރުން ދިވެހި އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް ކަނޑައަޅާފައިވާ އެވޯޑެއް ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންަޏެވެ.
މި އެވޯޑް ދޭނީ އެ ހިދުމަތެއް ދޭ ފަރާތަކުން ކަމާ ގުޅޭ ލިޔުންތައް ހުށަހެޅުމުން، ފޯމުތައް އިވެލުއޭޓް ކުރުމަށް ފަހުއެވެ.
މި އެވޯޑްތަކަށް ކުރިމަތިލުމަށް މި އަހަރުގެ ޖޫން މަހު ފުރުސަތު ހުޅުވައިލާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އެވޯޑްތަކަށް ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓް ހައުސް އަދި، ސަފާރީތަަކަށް ވެސް ކުރިމަތިލެވޭނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން މި އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!