މޯލްޑިވިއަން އާއި އެމިރޭޓްސް އިން ގުޅިގެން ހިދުމަތްތަކެއް ދިނުމާ ބެހޭ ގޮތުން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވިއަން އިން ނެރުނު ބަޔާނެއްގައި ބުނީ ދެ އެއާލައިނުން ކޯޑް ޝެއާކުރުމާއި އިންޓަލައިން ނުވަތަ އެއް އެއާލައިނުން އަނެއް އެއާލައިނެއްގެ ހިދުމަތްތައް ވިއްކައި ކަނެޓްޓިވިޓީ އިތުރުކުރުމާއި ހޮލިޑޭ ޕެކޭޖްތައް ވިއްކަން ގުޅިގެން މަސައްކަތްކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

Ad
rt

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ހަވާލާދީ މި ބަޔާނުގައި ބުނެފައި ވަނީ އެމިރޭޓްސް އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެެރިން ގެންނަ އެއާލައިނަށްވާއިރު އެ އެއާލައިނާ އެކު ޕާޓްނަޝިޕެެއް އުފެއްދިއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ފައިދާކޮށް ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އިގްތިސާދީ ގުޅުން ބަދަހިވެގެން ދާނެ ކަމަށެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އެއާލައިނާ އެކު ޕާޓްނަޝިޕް ހެދުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެމިރޭޓްސްއާ އެކު ޕާޓްނަޝިޕެއްގެ ފުރުސަތު ލިބުމަކީ ކޮވިޑްގެ ބަލިމަޑުކަމަށް ފަހު އޭވިއޭޝަން އިންޑަސްޓްރީގައި އަލުން މަގާމު ދަމަހައްޓައި ހަމަޖެހިލަން ލިބޭނެ ފުރުސަތަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމިރޭޓްސްގެ ޗީފް ކޮމާޝަލް އޮފިސާ އަދްނާން ކާޒިމް ވިދާޅުވި ގޮތުގައި ކޯޑް ޝެއާކުރުމާއި އިންޓަލައިން ހިދުމަތްތަކުން އެމިރޭޓްސް އާއި މޯލްޑިވިއަން އަށް ވަރަށް ބޮޑަށް ފައިދާކުރާނެއެވެ. އެގޮތުން، ރާއްޖޭން ދަތުރުކުރާ މީހުންނަށް އެމިރޭޓްސްގެ 120 އަށް ވުރެ ގިނަ މަންޒިލާ ދުބާއީ މަގުން ގުޅުވާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޓަލައިން އަދި ސްޕެޝަލް ޕްރޮރޭޓް އެގްރީމަންޓް (އެސްޕީއޭ) އަކާ އެކު އިންޓަލައިން އަދި ކޯޑްޝެއާރިންއާ ގުޅޭ ހުއްދަތައް ހޯދުމާއި ޓެކްނިކަލް ފީޒިބިލިޓީ ހަދައި މި ހިދުމަތްތަކާ ގުޅޭ އެއްބަސްވުންތައް ހެދުމުގެ މަސައްކަތް ދެ އެއާލައިނުން ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.