ލަވަކިޔުންތެރިޔާ ހައްވާ އަސްރާ އާއި އޭނާގެ ލޯބިވެރިޔާގެ ތިބި ކޮޓަރިއަކުން މަސްތުވާތަކެތި ފެނުނު މައްސަލާގައި އެ ދެ މީހުންނަށް ކުރި ދައުވާގައި އަސްރާގެ ބައި ދައުލަތުން އަނބުރާ ގެންގޮސް އަދި އޭނާގެ ލޯބިވެރިޔާ ހައި ކޯޓުން ވެސް ސަލާމަތްވެއްޖެ އެވެ.

އޮގަސްޓް، 2016 ގައި އަސްރާ އާއި އޭނާގެ ލޯބިވެރިޔާ ގ. ޖޫތީގޭ، ހަސަން ނަޒީހް މާލޭގެ ގެއެއްގެ ކޮޓަރީގައި ތިއްބާ އެތަނަށް ފުލުހުން ވަދެ ފާސް ކުރިއިރު އެތަނުން 30 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި 27،000 އަށް ވުރެ ގިނަ ރުފިޔާ ފެނުނު ކަމަށް ބުނެ އެވެ. އެހެންވެ، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އެ ދެ މީހުންގެ މައްޗަށް ކުރިޔަސް، ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ނިންމާފައިވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

Ad
rt

އެ ދެ މީހުންނަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު އެ މައްސަލަ ނިމުމަކާ ގާތަށް ގޮސްފައި ވަނިކޮށް މިދިޔަ އޮގަސްޓް މަހު ދައުލަތުން ވަނީ އަސްރާގެ ބައި އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ އޭނާގެ ބައި އަނބުރާ ގެންގޮސްފަ އެވެ.

ނަޒީހްގެ މައްސަލަ އަނބުރާ ނުގެންދިޔަޔަސް، ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ނަޒީހާ ތަހުގީގުގައި ސުވާލު ކޮށްފައި އޮތީ އޭނާގެ ޖީބުން ފެނުނު ކަމަށް ބުނާ މަސްތުވާއެއްޗެހިތަކަކާ ބެހޭގޮތުން އެކަނި ކަމަށާއި އެ ކޮޓަރިން ފެނުނު 30 ގްރާމްގެ މަސްތުވާތަކެއްޗާ ބެހޭ އެއްވެސް ސުވާލެއް އޭނާއާ ކޮށްފައިނުވާ ކަމަށެވެ. އަދި ޖިނާއީ މައްސަލަތައް އެކަށީގެންވާ މިންވަރަކަށް ތަހުގީގު ކުރަން ޖެހޭއިރު، ނަޒީހަށް ކުރި ދައުވާއާ ގުޅޭ އެކަށީގެންވާ ތަހުގީގެއް ހިންގާފައި ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ދައުލަތުން ބުނެފައިވަނީ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗާ ބެހޭގޮތުން ތަހުގީގުގައި ސުވާލު ނުކުރީ އެ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓް ނުލިބޭތީ ކަމަށެވެ. އެހެން ނަމަވެސް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ތަހުލީލު ރިޕޯޓް ލިބުނު ފަހުން ވެެސް އޭނާއާ ސުވާލެއް ކޮށްފައި ނެތް ކަމަށެވެ. އަދި އެ ހާލަތުގައި ފުލުހުން އަމަލު ކުރަންޖެހޭ ގޮތަކީ ތަހުލީލު ރިޕޯޓަށް ބެލުމަށްފަހު ތުހުމަތަށް ބަދަލު އައިސްފައިވާ އަލުން ގާނޫނީ އިންޒާރު ދިނުމަށްފަހު އަލުން އޭނާއާ ސުވާލު ކުރުން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގެެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެކަށީގެންވާ ތަހުގީގެއް ނަޒީހްގެ މައްސަލާގައި ކޮށްފައި ނެތުމުން ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އަސްރާ އާއި ނަޒީހަށް ކުށް ސާބިތުވި ނަމަ، އެ ދެ މީހުން އުމުރަށް ޖަލަށްލުމާ އެކު އެއް ލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.