މިމަހުގެ 5 ވަނަ ދުވަހުއޮތް ރައްޔިތުންގެ މަޖިލިސްގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި، މުހައްމަދު ރާޝިދު، މެންބަރު ކަމުގެ ހުވާ ކުރައްވައިފި އެވެ.
އެދާއިރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.
މިއަދު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރާޝިދަށް މެންބަރު ކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.
މިިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ރާޝިދު ގޮނޑި ކާމިޔާބު ކުރަށްވާފައި ވަނީ 1401 ވޯޓުންނެވެ. ރާޝިދުގެ އިތުރުން ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީޕީއެމް ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށެވެ. ފަތުހީއަށް 1161 ވޯޓު ލިބިފައިވާއިރު އެމްއެންޕީ ކެންޑިޑޭޓް އަބުދުލް ހަންނާން އިދުރީސްއަށް ލިބުނީ 323 ވޯޓެވެ.
އެ އިންތިހާބުގައި ވޯޓްލީ މީހުންގެ ޖުމްލަ އަދަދަކީ 2،932 އެވެ. ސައްހަ ވޯޓްގެ އަދަދަކީ 2،885 ވޯޓެވެ. 47 ވޯޓް ބާތިލު ވޯޓްގެ ގޮތުގައި ގުނާފައިވާއިރު، މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 3،309 މީހަކަށް ލިބިފައި ވެއެވެ. އަދި އިންތިޚާބުގައި ވޯޓްލާފައިވަނީ 88.61 ޕަސެންޓް މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!