ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 620 ގުރާމް މަސްތުވާތަކެތި ތަހުލީލުކުރަން ލެބޯޓްރީއާ ހަމައަށް ގެންދިއުމުގައި އަމަލުކުރި އިޖްރައާތު ގޯސްވުމުން އެ މައްސަލާގައި ދައުވާލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ އެވެ.
ސ. ހުޅުދޫ ކުރިކީލަގޭ ސާނިއާ ރަޝީދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ އޭނާ 2016 ވަނަ އަހަރުގެ މެއި މަހު ރާއްޖެ އައިއިރު އޭނާގެ ލަގެޖުން 620 ގުރާމް މަސްތުވާތަކެތި ފެނުނު މައްސަލާގަ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އަތުލައިގަތް ކަމަށް ބުނާ މަސްތުވާތަކެތި ތަހުލީލުކުރަން ފުލުހުންގެ ލެބޯޓްރީއާ ހަމައަށް ގެންދިޔައީ ކާކުކަން ދައުލަތުން ހުށަހެޅި ލިޔުންތަކުން އެނގެން ނެތް ކަމަށެވެ. އަދި އެ ތަކެތި އަތުލައިގަތުމަށްފަހު ފުލުހުން އެ ތަކެތި ގެންގުޅެފައިވާ ގޮތް ކަމަށް ބުނެ ލިޔުންތަކުން ފެންނަން ހުރި ކަންކަން ވެސް ދިމާނުވާތީ އެއީ ހަގީގަތުގައި ވެސް ސާނިއާގެ ލަގެޖުން އަތުލައިގަތް ތަކެތިކަން ސާބިތުވާ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެ މަސްތުވާތަކެއްޗާ ހަވާލުވާން އަންނަ މީހަކު ހޯދަން ސާނިއާ ބައިވެރިކޮށްގެން ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި އަންހެން ފުލުހަކު ބައިވެރި ކުރުމެއް ނެތި ސާނިއާ ގެސްޓްހައުސްއަކަށް ގެންގޮސް، އެތަނުގައި އޭނާ ބަހައްޓާފައިވާތީ އެއީ ވެސް ފުލުހުން ރަނގަޅަށް ކުރި ކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
ސާނިއާއާ އެކު ރާއްޖެ އައި ދެވަނަ މީހާ ދޫކޮށްލުމަށްފަހު އެ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ވެސް އޮޕަރޭޝަނަށް ހުރަސް އެޅުމުގެ ފުރުސަތު އޮތްކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!