ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއިން އެކުވެރި ގައުމުތަކަށް ހިތުހުރިހާ އެއްޗެއް ގޮވަން ދިވެހިން ނުރުހޭކަން ސާފުކޮށް ބުނެދީފިކަމަށް ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އިއްޔެ ބާއްވާފައިވާއިރު، ވާދަވެރި ކެމްޕޭނަކަށްފަހު އެ ގޮނޑި ކާމިޔާބު ކުރަށްވާފައި ވަނީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީން ވާދަކުރެއްވި ކެންޑީޑޭޓް މުޙައްމަދު ރާޝިދެވެ.

Ad
rt

އެ އިންތިޚާބުގެ ފޯރިގަދަ ކެމްޕޭން ތެރޭގައި ވެސް އިދިކޮޅު ކޯލިޝަނުން ވަނީ އެ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" އަދި "އިންޑިއާ މިލިޓަރީ" އައުޓް ޝިޢާރު ބޭނުންކޮށްގެން ވެސް ކެމްޕެއިން ހިންގާފައެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާއަށްފަހު، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމްވެސް ފުރުއްވަމުން ގެންދަވާ އަޙްމަދު އަބުދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކުވެރި ގައުމުތަކަށް ހިތުހުރިހާ އެއްޗެއް ގޮވުމާއި، ބިރުދެއްކުން ފަދަ ނާތަހުޒީބު އަމަލުތަކަށް ދިވެހިން ނުރުހޭކަން ސާފުކޮށް ބުނެދީފި ކަމަށެވެ.

އިއްޔެގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ)އިން ރޭ ވަނީ ޢިއުލާން ކޮށްފައެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ގޮނޑި ކާމިޔާބުކުރި އެމްޑީޕީގެ މުޙައްމަދު ރާޝިދަށް ވަނީ 1401 ވޯޓު ލިބިފައެވެ.

ޕީޕީއެމް ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް 1161 ވޯޓު ލިބިފައިވާއިރު އެމްއެންޕީ ކެންޑިޑޭޓް އަބުދުލް ހަންނާން އިދުރީސްއަށް ލިބުނީ 323 ވޯޓެވެ.