ޖަރުމަނު ބުންޑަސް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ބަޔާން މިޔުނިކާއި އާރްބީ ލައިބްޒިގް ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގައި ފަރަގު ބޮޑު ކޮށްފިއެވެ. މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ދެ ޓީމްގެ ފަރާތުން ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ބަޔާނުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޖަރުމަނުގެ ތަޖުރިބާކާރު ފޯވާޑް ތޯމަސް މުލާއެވެ. ލެވަންޑޯސްކީ ލައިޕްޒިގްގެ އޭރިއާތެރޭ ހުރެ ފޮނުވާލު ހަމަލާ ކީޕަރު ދިފާއުކުރި ނަމަވެސް އެ ބޯޅަ ކީޕަރު އަތުގައި ޖެހިފައި ނުކުތްވަގުތު މުލާ ވަނީ ހަމަޖެހިލައި ހުސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
ނަމަވެސް މެޗުގެ 27 ވަނަ މިނެޓުގައި ލައިޕްޒިގުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ލައިމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕޯޗުގަލް ފޯވާޑް އަންދްރޭ ސިލްވާއެވެ.
ބަޔާނުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް ބަޔާންގެ ކޯމަން ލައިޕްޒިގްގެ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ލެވަންޑޯސްކީއެވެ. މިއީ މި ސީޒަންގައި އޭނާ ކާމިޔާބުކުރި 24 ވަނަ ލަނޑެވެ. މިވަގުތު ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ފަސް ލީގުގެ ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޮތީ ވެސް ލެވަންޑޯސްކީއެވެ.
މެޗުގެ ދެވަނަ ހާފަށް ނުކުތްއިރު ބަޔާން ލީޑުގައި އޮތް ނަމަވެސް ދެވަނަ ހާފު ފެށިތާ ހަތްމިނެޓުގެ ތެރޭގައި ލައިޕްޒިގުން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޖަހައިދީފައި ވަނީ ކްރިސްޓޮފަރ އެންކުންކޫއެވެ. ބަޔާނުން މެޗުން މޮޅުވި ލަނޑަކީ 58 ވަނަ މިނެޓުގައި ލައޮޕްޒިގްގެ ގްވާޑިއޮލްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މިއީ ބަޔާންގެ ކެޕްޓަން އަދި ކީޕަރު މެނުއަލް ނޯޔާ ޖަރުމަނު ލީގުގައި ހޯދި 310 ވަނަ މޮޅެވެ. ވުމާއެކު ނޯޔާ މި ވަނީ ޖަރުމަނުގެ ލެޖެންޑަރީ ކީޕަރު އޮލިވަރ ޚާންގެ މޮޅުވުމުގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. ނޯޔާ ބަޔާނާއި ގުޅިފައި ވަނީ ޖަރުމަނުގެ ޝާލްކާއިންނެވެ.
މި މޮޅާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބަޔާން އޮތީ ކުޅުނު 21 މެޗުން ލިބުނު 52 ޕޮއިންޓާއި އެކުއެވެ. ދެވަނާގައި ބްރޫޝިއާ ޑޯޓްމަންޑް 20 މެޗުން ލިބުނު 43 ޕޮއިންޓާއިއެކު އޮތްއިރު، މިވަގުތު މި ދެ ޓީމްގެ މެދުގައި ނުވަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ނަމަވެސް މިރޭ އަމިއްލަ ދަނޑުގައި ބަޔާން ލެވަކޫސަންއާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން ފަރަގު ހަ ޕޮއިންޓަށް ކުޑަ ކުރުމުގެ ފުރުޞަތު ޑޯޓްމަންޑަށް އެބައޮތެވެ. މި މެޗުން ބަލިވި ލައިޕްޒިގެ މިވަގުތު އޮތީ ތާވަލުގެ ހަތް ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!